ކޮޕް24 ގެ މަޝްވަރާގައި ތިމާވެށީގެ ރިޕޯޓް ހިމަނަން ދެކޮޅު
ކޮޕް24 ގެ މަޝްވަރާގައި ތިމާވެށީގެ ރިޕޯޓް ހިމަނަން ދެކޮޅު

ކޮޓަވިސް (ޑިސެމްބަރު 9)- ޕޮލެންޑުގައި ކުރިއަށްދާ ކޮޕް24 ގެ ތިމާވެށީގެ މަޝްވަރާތަކުގައި ސައެންޓިފިކް ރިޕޯޓް ހިމަނަން ކުރި މަސައްކަތް ފެއިލްވެއްޖެ އެވެ.

އައިޕީސީސީ އިން ތައްޔަރުކުރި ރިޕޯޓް ބިނާކޮށްފައި ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިއްޖެ ނަމަ ވާނެ ގެއްލުންތަކުގެ މައްޗަށެވެ. ނަމަވެސް ކޮޕް24 މަޝްވަރާތަކުގައި އެމެރިކާ އާއި ސައުދީ އަރަބިއާ، ރަޝިޔާ އަދި ކުވޭތުން ވަނީ އައިޕީސީސީގެ ރިޕޯޓާ ދެކޮޅު ހަދައިފަ އެވެ. އެކަމަކު މިދިޔަ އޮކްޓޯބަރު މަހު އެ ރިޕޯޓް ނެރުނު އިރު ސައުދީ އާއި އެމެރިކާ އިން ވަނީ ތާއީދުކޮށްފަ އެވެ.

"މޫސުމާ ބެހޭ ސައެންސަކީ ސިޔާސީ ފުޓުބޯޅައެއް ނޫން،" ކްލައިމެޓް ތިންކް ޓޭންކް އީ3ޖީގެ ކެމިލިއާ ބޯން ވިދާޅުވި އެވެ.

ކޮޕް24 ގެ މަޝްވަރާތައްދާ ގޮތާ މެދު ގިނަ ގައުމުތަކުން ވަނީ މާޔޫސްކަން ފާޅުކޮށްފަ އެވެ. ކޮޕް24 ސަމިޓުގައި ވަޒީރުން ފެންވަރުގެ މަޝްވަރާތައް ފަށާނީ މާދަމާ އެވެ. އަދި ސަމިޓް ނިމޭނީ އަންނަ ހުކުރު ދުވަހު އެވެ.