ކުޅިވަރާ ބެހޭ ވަޒީރު ރާޅާއަޅުއްވަނީ
ކުޅިވަރާ ބެހޭ ވަޒީރު ރާޅާއަޅުއްވަނީ

ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިންނާ އެކު ލޮނުޒިޔާރަތްކޮޅުގައި ރާޅާއަޅުއްވައި، ރާއްޖޭގައި މޫދު ކުޅިވަރުގެ ޗެމްޕިއަނުން އުފައްދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް (މަހޭ) ދެއްވައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު ރާޅާއަޅުއްވަނީ
ކުޅިވަރާ ބެހޭ ވަޒީރު ރާޅާއަޅުއްވަނީ

ރާއްޖޭގައި ތިބި ކުޅަދާނަ ބޮޑީބޯޑަރުން ކަމަށްވާ ހުސެއިން އަރީފް (އިބޫ) އާއި އަލީ ހުސްރުވާން (ކުޑައައްޔަ) އާއި އަލީ ޖާވީދު (ޖާއްޓެ) ވަޒީރާ އެކު ރާޅަށް ފޭބި އެވެ. ބޮޑީބޯޑިން ސެޝަނަކަށް ފަހު މަހުލޫފު ވަނީ ސާފަރުންނާ ބައްދަލުކޮށް ހިޔާލުބަދަލުކުރައްވައިފަ އެވެ.

މަހުލޫފު ވިޅާޅުވީ ރާއްޖޭގެ ސާފަރުންނާ ރާޅުގަނޑުން ބައްދަލުވުމަކީ އުފަލެއް ކަމަށާއި އެ ހުނަރުވެރިންނާ އެކު ހޭދަކުރެއްވީ އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ރާއްޖޭގެ ހުނަރުވެރިންނަށް އެހީވާނެ ކަމުގެ ޔަގީންކަމާ އެކު. އަދި މޫދު ކުޅިވަރުން މުސްތަގުބަލަށް ރާއްޖޭގައި ޗެމްޕިއަނުން އުފެއްދުމަށް ވެސް މިތިބީ ތައްޔާރުގައި،" މަހުލޫފު ވިދާޅުވި އެވެ.

ރާއްޖޭގެ ޗެމްޕިއަން އަދި ބޭރުގެ މުބާރާތްތަކުން ކާމިޔާބު ހޯދާފައިވާ ކުޑައައްޔަ ބުނީ ރާޅު ސެޝަނެއްގައި އެ މީހުންނާ އެކު ރާއްޖޭގެ ޒުވާނުންގެ ވަޒީރު ބައިވެރިވެވަޑައިގަތުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އިތުރު ސެޝަންތަކުގައި ވެސް ވަޒީރު ބައިވެރިވެވަޑައިގެންނަވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މަހުލޫފު މަގާމާ ހަވާލުވެވަޑައިގެން އަންނަނީ އަމަލީ ގޮތުން ކުޅުންތެރިންނާއި ކުޅިވަރާ ގުޅުން ހުރި ފަރާތްތަކާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވަމުންނެވެ. އެގޮތުން ކަންބޮޑުވުންތައް ބައްލަވައި ބައެއް ކަންކަމަށް ވަނީ ވަގުތުން ވަގުތަށް ހައްލު ހޯއްދަވައިދެއްވައިފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ދަށުން ގައުމީ ޓީމުތަކުގެ ހުރިހާ ކުޅުންތެރިން މުސާރަ ވަނީ ހަމަހަމަކޮށްދެއްވައިފަ އެވެ. އެގޮތުން މިހާރު ކޮންމެ ކުޅިވަރެއްގެ ކޮންމެ ޖިންސެއްގެ ކުޅުންތެރިޔަކަށް ވިޔަސް މަހަކު 5000ރ. ލިބޭނެ އެވެ. އަދި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000ރ. ގެ ބަޖެޓެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕެލްސްއެއް މާލޭގައި އެޅުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.