09 ޑިސެމްބަރ 2018 - 09:53

މެންޗެސްޓާ (ޑިސެމްބަރު 9) – ޕައުލް ޕޮގްބާ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްގޮސްދާނެ މިންވަރަކަށް އޭނާ އާއި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ގުޅުން ގޯސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭއިރު، އޭނާ ނެތި ރޭ ޔުނައިޓެޑް ވަނީ ފުލަމް އަތުން 4-1 އިން މޮޅުވެފަ އެވެ.
ޗޭންޖިން ރޫމުގައި ކުޅުންތެރިންގެ ތެރޭގައި، ޕޮގްބާ އަކީ ވައިރަހެއް ކަމަށް މޮރީނިއޯ ސިފަކުރުމުން ގުޅުން އިތުރަށް ގޯސްވީ އެވެ. ޕޮގްބާ ނުކުޅޭ ކަމަށާއި އޭނާ ޔުނައިޓެޑުގެ އެހެން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް އިހުތިރާމްނުކުރާ ކަމަށް މޮރީނިއޯ ބުނި ކަމަށްވެ އެވެ.
"ޕޮގްބާ އަންނަނީ އޭނާ ވަށައިގެން ތިބި ރަނގަޅު ކުޅުންތެރިންގެ ހެޔޮ ވިސްނުމަށް ވެސް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވަމުން. ޕޮގްބާ ހީވަނީ ބައްޔެއް ޖެހިފައި ހުރި މީހެއް ހެން. އެހެންވީމަ ބަންދު ކޮޓަރިއެއްގައި ވައިރަހެއް ހުރި މީހަކު ހުރެފިއްޔާ އެ ގައިންގަޔަށް އަރާނެ،" މޮރީނިއޯ ބުނި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ އަނބުރާ ޔުވެންޓަސް އަށް ބަދަލުވެދާނެ އެވެ. އެކަމުގެ މަޝްވަރާތަކެއް މީގެ ކުރިން ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން ޔުވެންޓަސް އިން ބޮޑު އިންވެސްޓެއްކޮށްފާނެ ކަމާ މެދު ޝައްކެވެ.
މީގެ އިތުރުން އޭނާ ގުޅިދާނެ ކަމަށް ބެލެވޭ ކްލަބަކީ އިންޓަ މިލާނެވެ. އެ ޓީމުގެ ޓްރާންސްފާ ކަންކަމާ އަލަށް ހަވާލުވާ ޖިސެއްޕޭ މަރޮއްޓާ އަކީ ޔުވެންޓަސް އަށް ޕޮގްބާ ގެނެސް އަދި ރެކޯޑް އަގެއްގައި ވިއްކާލުމުގައި ފަހަތުގައި ހުރި ޑިރެކްޓަރެކެވެ. ލޫކާ މޮޑްރިޗް ހޯދަން ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެ ނަމަ އިންޓަ އިން ޕޮގްބާ އަށް ބިޑްކޮށްފާނެ އެވެ.
ޕޮގްބާ އަކީ ޔުނައިޓެޑުގެ އެކަޑަމީން ވިދާލި ކުޅުންތެރިއެކެވެ. އެކަމަކު ސީނިއާ ޓީމުން ފުރުސަތު ނުލިބި ހުއްޓާ 2012 ވަނަ އަހަރު ޔުވެންޓަސް އިން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންގޮސް ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ބަދަލުކުރި އެވެ. ޔުނައިޓެޑުން އޭނާ އަނބުރާ ގަތީ 2016 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށެވެ.