10 ޑިސެމްބަރ 2018 - 07:11

ވާވޭ އަކީ ޗައިނާ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ މުވާސަލާތީ އާލާތްތައް އުފެއްދުމެވެ. އާންމުން ދަންނަ ކުންފުންޏެއްގެ ގޮތުގައި ވާވޭ މަޝްހޫރުވެފައި ވަނީ ސްމާޓްފޯން އުފައްދަން ފެށި ފަހުންނެވެ. ސްމާޓްފޯން މާކެޓްގައި ވާވޭ މިއަދު ހިއްސާކުރަނީ ދެެވަނަ ކުންފުނީގެ މަގާމެވެ. މި މަގާމުގައި ކުރިން އޮތީ އެމެރިކާގެ އެޕަލް އެވެ.
ސްމާޓްފޯން މާކެޓްގެ އެއްވަނާގައި އޮތީ ސެމްސަންގް އެވެ. އެޕަލް ފަހަތަށް ޖެއްސުމަށް ފަހު، ވާވޭ މިސްރާބުޖަހާފައި ވަނީ ސެމްސަންގް ވައްޓާލުމަށެވެ. ވާވޭ ވަނީ މިކަން ކުރާނެކަން ސަރީހަ ބަހުން އިއުލާންކޮށްފަ އެވެ.
ދުނިޔޭގެ މޮބައިލް ނެޓްވޯކް 5ޖީ އަށް ބަދަލުކުރަނީ އެވެ. މި މަސައްކަތްތަކުގައި ވެސް އެންމެ ކުރީގައި އޮތީ ވާވޭ އެވެ. އެ މީހުން ވަނީ ވަރަށް ކުރިއާލައި 5ޖީ އަށް ތައްޔާރުވެފަ އެވެ. އެހެންކަމުން، ގައުމެއްގައި 5ޖީ މޮބައިލް ނެޓްވޯކް ފަށައިގަންނަ ނަމަ، ވާވޭގެ އެހީތެރިކަމާ ނުލައި އަގު ހެޔޮ މަސައްކަތެއް ކުރެވުން ނާދިރެވެ.
ޗައިނާގެ ވާވޭ ހޯދަމުންދާ ކުރިއެރުންތައް ވެފައި ވަނީ ވާދަވެރިންނަށް ބޮޑު ރިހުމަކަށެވެ. އެހެންކަމުން، ވާވޭ ބަދުނާމުކޮށް އެއީ ބިރުވެރި ބައެއް ގޮތުގައި ލޭބަލްކުރަން އެމެރިކާ މިހާރު ވަނީ އިސްނަގާފަ އެވެ.
ވާވޭ އިން އުފައްދާ މުވާސަލާތީ އާލާތްތައް މެދުވެރިކޮށް ޗައިނާއިން ޖާސޫސްކުރާ ކަމަށް ފެށުނީއްސުރެ ތުހުމަތުކުރެވެ އެވެ. ވާވޭ އަކީ ޕްރައިވެޓް ކުންފުންޏެއް ނަމަވެސް، ސަރުކާރާ ވަރަށް ގާތް ގުޅުންތަކެއް އޮވެ އެވެ. މި ގުޅުންތަކުގެ އަޑީގައި އަދި ވަކިން ޚާއްސަ ގުޅުމެއް އޮންނަ ކަމަށް ގައުމުތަކުން ބުނެ އެވެ. މިކަމާ އެންމެ ބޮޑަށް ބިރުގަންނަނީ އެމެރިކާ އެވެ.
އެމެރިކާ ގަބޫލުކުރާ ގޮތުގައި، ވާވޭ އިން މުވާސަލާތީ އާލާތްތައް އުފައްދަނީ، އެ އާލާތްތައް ބޭނުންކުރާ ގައުމުތަކުގައި ހިންގާ ކަންތައްތަކުން ޖާސޫސްކުރެވޭ ގޮތަށެވެ. މިސާލަކަށް، މޮބައިލް ފޯން ޚިދުމަތްދޭ ކުންފުންޏެއްގައި، ވާވޭ ނެޓްވޯކް ސްވިޗެއް ބޭނުންކުރާ ނަމަ، އެ ސްވިޗް މެދުވެރިކޮށް ކުރާ މުއާމާތްތައް ޗައިނާއިން ދެނެގަނެ އެވެ.
ވާވޭ ސްމާޓްފޯންތަކަކީ ވެސް ޖާސޫސީ އެޖެންޓްތަކެކެވެ. އެހެންކަމުން، މިއީ އެއްގޮތަކަށް ވެސް ބޭނުންކުރެވިގެން ވާނެ އާލާތްތަކެއް ނޫން ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ. ވާވޭއާ މެދު އެމެރިކާއިން ދެކޭ ގޮތް އޮންނަނީ ހަމައެކަނި ގަބޫލުކުރުމެއް ގޮތުގައެއް ނޫނެވެ. ސްމާޓްފޯން މާކެޓްގައި އެޕަލް ވައްޓާލައި، ދެވަނަ އަށް ވާވޭ އެރުމާ ހިސާބުން އެމެރިކާ ވަނީ ވާވޭ އިނދަޖައްސާލަން ގަސްދުގައި ނިޔަތް ގަނެފަ އެވެ.
އެމެރިކާ ސަރުކާރު އެދޭހާ ގޮތަކަށް ހާނާފައި ތިބި އޮފިސަރުން، އަވަދިނެތި ދަނީ ދަތުރުކުރަމުންނެވެ. އެ މީހުންގެ ބޭނުމަކީ، ގައުމުތަކަށް ގޮސް، ވާވޭއާ ދުރުވާން ބުނެ ބިރުދެއްކުމެވެ. އެއީ ޗައިނާ ކުންފުންޏަކަށް ވާތީ، ދުޅަހެޔޮ ވިޔަފާރިއަކަށް ވުރެ، ޖާސޫސްކުރުން ވާވޭ އަށް މުހިންމުވާނެ ކަމަށް ބުނެ ދަނީ ވިސްނައިދެމުންނެވެ. އެހެންކަމުން، އެމެރިކާ އަށް ދުވަހެއްގެ ކޮޅުން ވެސް ކަމެއް ކޮށްދޭ ނަމަ، ވާވޭ އަތުން މުވާސަލާތީ އާލާތްތައް ނުގަތުމަށް ދަނީ އެދެމުންނެވެ.
މުވާސަލާތީ އާލާތްތައް މެދުވެރިކޮށް ވާވޭ ޖާސޫސްކޮށްދޭ ކަމަށް އެމެކާ ބުނާއިރު، ސްމާޓްފޯނުތައް ހިންގަން ބޭނުންކުރާ މޮބައިލް އޮޕަރޭޓިން ސިސްޓަމްތައް، އައިއޯއެސް، އެންޑްރޮއިޑް އަދި ވޮޗް އޯއެސް ފަދަ ހުރިހާ އޮޕަރޭޓިން ސިސްޓަމެއްގެ އުފަން ގައުމަކީ އެމެރިކާ އެވެ. އެއިން އޮޕަރޭޓިން ސިސްޓަމަކުން ހިންގާ ޑިވައިސްއެއް ބޭނުންކުރާ ނަމަ، ބޭނުންކުރާ މީހާ ހުރި ތަން، "ލޮކޭޝަން" ބުނެދޭން މަޖުބޫރުކުރެ އެވެ. ބޭނުންކުރާ ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އުފަން ތާރީޚް ފަދަ މައުލޫމާތުތައް ހޯދަ އެވެ. މި ގޮތަށް މައުލޫމާތު ހޯދަނީ ޚިދުމަތް ރަނގަޅުކުރުމަށް ކަމަށް ބުނެ އެވެ. އެހެން ނަމަވެސް، ހިތާމަ އަކީ މި މައުލޫމާތުތައް އެމެރިކާގެ އެފްބީއައި، ސީއައިއޭ އަދި ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ އަށް ލިބޭތީ އެވެ. އެކަމަކު ވެސް މިކަމާ ކަންބޮޑުވާ ބަޔަކު އުޅޭ ކަމަކަށް ނުވެ އެވެ.
މުޅި ދުނިޔެ އަށް ފެތުރިފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މައިކްރޮސޮފްޓް ވިންޑޯޒް އަދި އެޕަލް "މެކްއޯއެސް" އެވެ. ބޭނުންކުރަން ކިތަންމެ ފައްކާ ނަމަވެސް، ޓައިޕްކުރާ ހުރިހާ އެއްޗެއް، ވެބްކެމް ރެކޯޑިން އަދި ވެބް ފޯނު ރެކޯޑިން ފަދަ ހުރިހާ މައުލޫމާތެއް އެމެރިކާ އަށް ލިބެ އެވެ. މިއީ ވިންޑޯޒް މެދުވެރިކޮށް ހިނގާ ކަމެއް ކަމަށް މައިކްރޮސޮފްޓުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން، ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާފާނެ ކަމަށް ހަސަނު ގަންނަ ބިރު މިހާރު އެ އޮތީ އެމެރިކާ އަށް ނިސްބަތްކުރެވިފަ އެވެ. އެމެރިކާ އަށް ވުރެ މޮޅަށް އެހެން ބަޔަކު ޖާސޫސްކޮށްފާނެ ކަމަށް ބިރުގަންނަނީ އެވެ.