09 ޑިސެމްބަރ 2018 - 07:50
ކުދި ޕްލާސްޓިކް ކުޅޭއެއްޗެހި ދިރުވާލާ ކުޑަކުދިންގެ މައިންބަފައިންނަށް މައުލޫމާތު ދޭނެ ގޮތް ބޮޑަށް ދެނެގަތުމުގެ ދިރާސާއެއްގައި ހަ ޑޮކްޓަރަކު އަމިއްލަ އަށް ލެގޯ ދިރުވާލައި އެ އެއްޗެހި އެ މީހުންގެ ހަށިގަނޑުން ބޭރުވާން ނަގަނީ ކިހާ އިރެއްތޯ ބަލައިފި އެވެ.
އެކި ގައުމުތަކަށް ނިސްބަތްވާ ޑޮކްޓަރުންގެ މި ޓީމުން މި އެކްސްޕެރިމެންޓް ހަދަން ބޭނުންވީ، މި ގޮތަށް ކުދިން ދިރުވާލާ އެއްޗެހި ބޮޑުކަމުދާ އިރު ބޭރުވާން ނަގާނެ ވަގުތަކާ ބެހޭގޮތުން ބެލެނިވެރިން ކުރާ ސުވާލަށް ސީދާ ޖަވާބެއް ދިނުމުގެ ބޭނުމުގަ އެވެ. އެފަދަ އެއްޗެއް ކުއްޖެއްގެ ހަޖަމުގެ ނިޒާމުގައި ހަރުލައިފި ނަމަ ސީރިއަސް މައްސަލަތައް ދިމާވުން އެކަށީގެންވާތީ މައިންބަފައިން އެކަން އޮޅުފިލުވަން ކޮންމެހެން ވެސް ބޭނުންވެ އެވެ.
ޖާނަލް އޮފް ޕީޑިއެޓްރިކްސް އެންޑް ޗައިލްޑް ހެލްތުގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހެދި ޑޮކްޓަރުން ބުނިގޮތުގައި އެކަން ދެނެގަތުމަށްޓަކައި ކުޑަކުދިން ލައްވައި އެއްޗެއް ދިރުވުމަކީ ކޮށްގެންވާނެ ކަމަކަށް ނުވާތީ އެ މީހުން އަމިއްލަ އަށް ލެގޯ ދިރުވާލީ އެވެ.
ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދޭ ތިން އަންހެން ޑޮކްޓަރަކާއި ތިން ފިރިހެން ޑޮކްޓަރަކު މި ދިރިސާގައި ބައިވެރިވެ، ދިރުވާލި ލެގޯކޮޅު ފެންނަންދެން އެ މީހުންގެ ބޮޑުކަމުދާ ތަކެތި ހާވައި ބަލަމުން ގެންދިޔަ އެވެ. އަދި ބޮޑުކަމުދެވެނީ ހަރުކޮށްތޯ ނުވަތަ މަޑުކޮށްތޯ ބަލައި އެކަން ނޯޓުކުރަމުން ގެންދިޔަ އެވެ. ސަބަބަކީ އެއީ ލެގޯކޮޅު ހަށިގަނޑުން ބޭރުވާން ނަގާ ވަގުތަށް އަސަރު ފޯރުވާނެ ކަމަކަށް ވާނެތީ އެވެ.
އެކްސްޕެރިމެންޓް ނިމުނު އިރު ޑޮކްޓަރުންނަށް އެނގުނީ ޕްލާސްޓިކް އެތިކޮޅު ހަށިގަނޑުން ބޭރުވާން ނެގީ 1.14 ދުވަހާއި 3.04 ދުވަހާ ދެމެދުގެ ވަގުތެއް ކަމެވެ. އެއީ އެވްރެޖުކޮށް 1.71 ދުވަހެވެ.
އެކަމަކު ދިރާސާގެ އެއް ބައިވެރިއެއްގެ ނަޖިހުން ލެގޯކޮޅު ފެންނަ ގޮތެއް ނުވި އެވެ. ދިރާސާ ހެދި ޓީމުން ބުނަނީ އެ ޑޮކްޓަރު އޭތިކޮޅު ދިރުވާލާފައި ނުވަނީ ކަމެއް ނުވަތަ އޭނާގެ ހަށިގަނޑުގައި ލެގޯ ތާށިވީ ކަމެއް ބުނެދޭން ނޭނގޭ ކަމަށެވެ.