17 އޯގަސްޓް 2016 - 17:24

ދިވެހި އިންޝުއަރެންސް ކުުންފުންޏަށް ވިޔަފާރި ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދިނުމާ އެކު އަންނަ އާދީއްތަ ދުވަހު ހިދުމަތް ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ކުންފުނިން ހިދުމަތް ފަށައިގަންނައިރު އަމާޒުކުރަނީ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި އެއްގަމާއި ކަނޑު އުނޅަދު ފަހަރާއި ޕްރޮޕަޓީ އަދި ކޮންސްޓްރަކްޝަންގެ އިތުރުން މެރިން އިންޝުއަރެންސް ހިދުމަތް ވެސް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިޔަށް އޮތް ތަނުގައި މެޑިކަލް އިންޝުއަރެންސް ވެސް އަޅުގަނޑުމެން ފަށާނަން. މިހާރު ބޮޑަށް މި އަމާޒުކުރަނީ ވިޔަފާރިތަކަށް،" ވާހިދު ވިދާޅުވި އެވެ
އިންޝުއަރެންސް ހިދުމަތް ދިނުމުގެ ލައިސަންސް މަރުކަޒީ ބޭންކުން އެ ކުންފުންޏަށް ދިނީ މިދިޔަ ޖޫން 2 ގަ އެވެ. އެއީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏެކެވެ.
ވާހިދަކީ އެލައިޑް އިންޝުއަރެންސްގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އޭގެ އިތުރުން ކަނޑު މަހުގެ ވިޔަފާރީގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވެސް ދިވެހި އިންޝުއަރެންސްގައި ހިމެނިވަޑައިގަންނަވަ އެވެ.
އެމްއެމްއޭ އިން އެ ކުންފުންޏަށް ލައިސަންސް ދިނީ ރާއްޖޭގައި ޖެނެރަލް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށެވެ.
ރާއްޖޭގައި މި ވަގުތު އިންޝުއަރެންސްގެ ހިދުމަތް ދެނީ އެލައިޑް އިންޝުއަރެންސް އާއި ސޮލަރެލް އިންޝުއަރެންސް އަދި ސްރީ ލަންކާގެ ދެ ކުންފުންޏަކުންނެވެ.