09 ޑިސެމްބަރ 2018 - 08:00

ބުދަ ދުވަހާ ގުޅޭ
"އެކަމަކު އަމީން ބޭނުމޯ އެއްކޮށްއުޅެން. އެހެންވެސް އެބަ ބުނޭ. މަންމައަށް މި ކަންތައްގަނޑު ފަޅާއެރީތަ؟ ކިހިނެއްތަވީ؟" ދައްތަ ބުންޏެވެ.
އަނެއްކާ ވެސް ރީނާގެ މަޅިއެއްގައި އަހަރެން ބެދުނީއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އަހަރެން ކުރިޔަސް ރީނާގެ ކިބަޔަކުން ސަލާމަތެއް ނުވެވެއެވެ. ރީނާ މާ ރަނގަޅަށް އަހަރެން ދަސްކުރީއެވެ.
"ތީ ވަރަށް ދިގު ވާހަކައެއް،" އަހަރެން ބުނީމެވެ. "އޭނަ ތި ގެއިން ބޭރުކޮށްދެއްވަ ބައްލަވަ!"
"ހަމަ ރޮނީ، ހަމަ ރޮނީ،" ދައްތަ ބުންޏެވެ. "މިހާރު އަހަރެން ފެންނައިރަށް ވެސް އޭނައަށް ރޮވެނީ."
އަހަރެން އެ ގެއަށް ނުދަނީހެއް ރީނާއެއް ނުނިކުންނާނެއެވެ. އޭނަގެ ބޭނުމަކީ އަހަރެން ގެންދިޔުމެވެ. އެއް ހާސް ފަހަރު ތަކުރާރުކޮށްފައިވާ ވާހަކަތައް އަލުން ތަކުރާރުކުރުވާށެވެ. އެ ފަހަރު ވެސް މޮޅުވީ ރީނާއެވެ. އަހަރެން ޖެހުނީ ގޮތްދޫކުރާށެވެ.
"އޯކޭ! އަޅުގަނޑު އިރުކޮޅަކުން މި ދަނީ،" އަހަރެން ބުނީމެވެ. "އޭނައަކީ ވަރަށް ފަސޭހައިން ރޮވޭ ކުއްޖެއް. މާ ގިނައިން ވާހަކަދައްކަންޏާ އެ ކަމާ ވެސް ރޮވޭނެ. ވާހަކަނުދައްކަންޏާ އެ ކަމާ ވެސް ރޮވޭނެ. މެދުމިންގަނޑެއްގަ ހިފާއްޓައިލައްވާ!"
ދާކަށް އަހަރެން ކުޑަކޮށް ވެސް ބޭނުމެއް ނޫނެވެ. ރީނާއަށް ފެންނާކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެން މާ ބޮޑަށް ފަޟީހަތްވުމުގެ ކުރިން ރީނާ އެ ގެއިން ނެރެން އެބަޖެހެއެވެ. އަހަރެންގެ ތިމާގެ އެހެން މީހުން ވެސް ދައްތަގެ ގެއަށް ދާނެއެވެ. ބަސްއަހާ ފިޔޮއް މުޅި އާއިލާއަށް ބަދުނާމުވާކަށް މާ ގިނައިރެއް ނުނަގާނެއެވެ. ކުރިން ދެއްކި ހުރިހާ ވާހަކައެއް އަލުން ރީނާޔާ ދައްކަންޖެހުނީއެވެ. މީގެ ނިމުމެއް، މެދެއް ކޮބައި ހެއްޔެވެ؟ އެ ފިކުރުގައި އިންދައި އަނެއްކާ ދައްތަ ގުޅިއެވެ.
"އޭ! އޭނަ އަތުގަ އައިސް ވެސް އަޅައިފި!" ކުރިޔަށް ވުރެ ހާސްވެފައި ދައްތަ ބުންޏެވެ. "ބޮލުގަ ވެސް އެބަ އައިސް ޖައްސާ. އޭނަ ގައިގަ އަމީން ޖެހީތަ؟"
އަހަރެން ހަވަރަށްދީ ނިމުނީއެވެ. ބޭޒާރުވެ ގަންހިންގައި ވެސް ނިމުނީއެވެ. އިހުސާސްވީ އެ ކަހަލަ ގޮތެކެވެ.
"އުހުނ އުހުނ!" އަހަރެން ތެޅިފޮޅިގެންފައި ބުނީމެވެ. "ބޮލަކު ގައިމުވެސް ނުޖަހަން."
"އަތަށް ކަމެއް ކުރިންތަ؟" ދައްތަގެ ސުވާލު ގިނަވާން ފެށިއެވެ.
"ލައްބަ! އަތަށް ކަމެއް ކުރެވުނުހެން ހީވަނީ." އެ ވަރުން ވެސް އަތް އަނބުރައިލި ވާހަކައެއް އަހަރެން ނުބުނަމެވެ.
"ޔާރައްބީ!" ދައްތައަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. "އަމީން އެ ކަހަލަ ކަންތައް ކުރަންތަ؟ އެކަމަކު އޭނަ ގާތުގަ އެހީމަ އޭނަ ބުނި އަނިޔާއެއް ނުކުރެޔޭ. ހަމަ އަތަށާ ބޮލަށް ތަދުވަނީއޭ."
އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. އެ ގެއަށް ނުގޮސް ވާނެ އެއްވެސް ގޮތެއް ނެތެވެ. ތެޅެމުންފޮޅެމުން ޝަކީލާދައްތަ ގެއަށް ދިޔައީމެވެ. އަހަރެން ފެންނައިރަށް ހީވީ ރީނާގެ ލޮލަށް ފެންހޮޅިއެއް ގުޅައިލިހެންނެވެ. ކަރުތައް ބަންޑުންވާން ފެށިއެވެ. ދައްތަ އެ ތަނުގައި ނުހުންނަންވެގެން ނުކުތެވެ.
"މީ މިހާރު ނިމިފައޮތް ކަމެއް،" އަހަރެން މަޑުމަޑުން ބުނީމެވެ. "ބޭނުމެއް ނޫން ކުރިން ދެއްކި ވާހަކަ އަލުން ރިޕީޓުކުރާކަށް. މި ފަހަރު މި ބުނަނީ ކުރިން ނުބުނާ ވާހަކައެއް. އަހަރެން މިހާރު މި އުޅެނީ މީހަކާ އިންނަން."
ކުރިޔަށް ވުރެ ބާރަށް ރީނާ ރޯން ފެށިއެވެ. ވާނީ އެހެންކަން އަހަންނަށް އެނގެއެވެ. އެކަމަކު، ކޮންމެ ދޮގެއްހަދައިގެން ނަމަވެސް އޭނަ ކައިރިން ސަލާމަތްވާން އަހަންނަށް އެބަޖެހެއެވެ. ތެދަށް ބުނެގެން އެ ކަމެއް ނުވިއެވެ.
"ރީނާ ކިތަންމެ ވަރަކަށް ރުޔަސް ވާން ނެތްކަމެއް ނުވާނެއްނު!" އަހަރެން ބުނީމެވެ. "މިހާރު އެއްފަހަރު އަނިޔާކުރެވިއްޖެ! ދެން އަހަރެން އަތުން އެއަށް ވުރެ ބޮޑު އަނިޔާއެއް ކަންނޭނގެ ވާނީ."
"އެކަމަކު އެއީ ލޯބި ގަސްތުގަ ކުރި ކަމެއް ނޫނެއްނު!" އަހަރެން ދިފާއުކޮށްދެނީ ވެސް ރީނާއެވެ. "އަހަރެން އުޅޭގޮތުންނެއްނު އެ ކަހަލަ ކަންތައް ވަނީ. އައި އޭމް ސޮރީ ލޯބީ! ދެން އެހެނެއް ނޫޅޭނަމޭ. ޕްރޮމިސް! ޓޯކްކޮށްގެން މައްސަލަތައް ހައްލުކުރެވޭނެއްނު."
"ވާހަކަދެއްކިދާނެ ކިތަންމެ ވަރަކަށް ވެސް. އެއް ދުވަހު ހަތަރުދަމު ވެސް ވާހަކަދެއްކިދާނެ،" އަހަރެން ބުނީމެވެ. "އެކަމަކު ތި ލޯބީގެ އައިޑިޔާ ދޫކޮށްލާ! ލެޓްސް ބީ ފްރެންޑްސް. މި ފަހަރު މި އޮފަރ ގަބޫލުނުކޮށްފިއްޔާ މި ހިސާބުން ޖެހޭނީ އެކުވެރިކަން ވެސް ކަނޑާލަން. އެންމެ ފަހު ޗާންސް މިދިނީ."
ރީނާ އެއްޗެއް ނުބުންޏެވެ. އަހަރެން ވެސް އިތުރު ވާހަކައެއް ނުދައްކަމެވެ. އިރުކޮޅަކު އިނދެލައިފައި ނުކުމެގެން ދިޔައީމެވެ. އޭގެ ދެ ގަޑިއެއްހާއިރު ފަހުން ދައްތައަށް ގުޅައިލީމެވެ. އަހަންނަށް އެނގުނު ގޮތުގައި އަހަރެން ދިޔަތާ އިރުކޮޅެއް ފަހުން ރީނާ ވެސް ދިޔައީއެވެ.
"ބުނި ދޭތެރެދޭތެރެއިން ވަދެލާނަމޭ،" ދައްތަ ބުންޏެވެ. "އަމީން ރުޅިވިޔަސް ދައްތައަށް ގޮވާލަން އަންނާނަމޯ ބުނި."
ރީނާގެ އަތްދަށުން އަހަރެން ސަލާމަތްވީ އެ ހިސާބުންނެވެ. އޭގެ ފަހުން ދެން އަހަންނަށް ޖެއްސުމެއް ނުކުރެއެވެ. ދޭތެރެއަކުން މެސެޖެއް ފޮނުވައިލައެވެ. ހާލުއަހުވާލު ބަލައިލައެވެ. އަހަންނަށް ފާރަލައެވެ. އެ ކަން އަންގާ ވެސް މެއެވެ. އަހަރެން ލައިގެން ހުންނަ ގަމީހުގެ ކުލަ ބުނެއެވެ. އޮފީހަށް އައި ގަޑިޔާއި ގެއަށް ދިޔަ ގަޑި ވެސް ބުނެއެވެ. ސަޔަށްދިޔައީ ކޮންތާކަށް، ކާކާ އެއްކޮށްކަން ވެސް ބުނެއެވެ. އޮފީސްތެރޭގައި އަހަރެން ކުރާ ބައެއް ކަންކަން ވެސް އެނގޭކަން އަންގައިލައެވެ. ރީނާގެ ރައްޓެހިން އޮފީހުގައި ވަރަށް ގިނައެވެ. ރީނާ ބޭނުންވަނީ ކޮންމެވެސް ގޮތަކުން ރީނާގެ ވާހަކައިގެ ތެރެއަށް އަހަރެން ވަންނާށެވެ. އަހަރެންގެ މައުލޫމާތު ރީނާ ހޯދާގޮތް އަހަރެން އޮޅުންފިލުވައި، ގިނައިރު ރީނާޔާ ވާހަކަދައްކާނެ މަގެއް ހޯދަން ރީނާ ވަރަށް މަސައްކަތްކުރިއެވެ. އެ ކަން ކާމިޔާބުނުވީ އަހަރެން އެ ވަރު ވިސްނައިގެން އުޅުނީމައެވެ. އެ ދުވަސްވަރު އަހަންނާ އައްޒަޔާ ދިމާވިއެވެ. އަހަރެންގެ ހިތް ބުންޏެވެ. އަހަރެންގެ އަންބަކަށް ވާނީ އޭނައެވެ. ރީނާގެ ރާޑަރުން އަހަރެން ގެއްލޭނީ މީހެއްގެ ފިރިޔަކަށްވީމައެވެ.
އަހަންނާއި އައްޒަގެ ޚިޔާލު ދާދި އެއްގޮތެވެ. ހޮބީ އެއްގޮތެވެ. މިޒާޖު ވެސް ވަރަށް އެއްގޮތެވެ. ބުޅިއެއްގައި އަހަރެންގެ ހިތް އަޅައިފައި އައްޒަޔާ ދިމާއަށް އެންގަނޑު އެއްލީމެވެ. ވަރަށް ކާމިޔާބެވެ. އަހަރެން ވީ އައްޒަގެ ހުވަފެނުގެ ރަސްގެފާނަށެވެ. އައްޒަ ވީ އަހަރެންގެ ހުވަފެނުގެ ރާނީއަށެވެ. ލޯތްބަކީ ކޮބައިކަމާއި، ލޯބީގެ ސަބަބުން ހަޔާތަށް ވެރިވާ ރީތި ކުލަތައް އަހަންނަށް ދަސްވީ އައްޒަގެ ފަރާތުންނެވެ. އެއާއެކު ބިރު ވެސް ގަތެވެ. ރީނާގެ އުނދަގުލާ އައްޒައަށް ކުރިމަތިލާންޖެހިދާނެތީއެވެ. ރީނާއަކީ މޮޔައެކެވެ. ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އަހަންނަށް އަންނާނީ ފޯނުކޯލެކެވެ. އައްޒަގެ ގެއަށް ރީނާ އައިސް ރޯންއިން ވާހަކައެވެ. އެ ހިސާބުން އައްޒަ ގެއްލުނީއެވެ. އެހެންވިޔަދޭކަށް ބޭނުމެއް ނޫނެވެ. ރީނާއަށް އޮޅުވައިލުމަށް ޓަކައި، ރީނާއަށް ދައްކަން އެހެން އަންހެންކުއްޖަކާ ރައްޓެހިވާންޖެހުނެވެ. ހަމައެކަނި ސިފަޔަށް ބަލައިފި ނަމަ އެއީ އަހަރެން ރައްޓެހިވި އެންމެ ރީތިކުއްޖާއެވެ. އޭނަގެ ނަމަކީ ފައިރޫޒާއެވެ. އޭނަ ގޮވައިގެން ރީނާއަށް ފެންނަ ހިސާބުގައި ބުރުޖަހަން ޖެހުނެވެ. ފައިރޫޒާ އެއް ގެއިން އަނެއް ގެއަށް ގެންދިޔުމާއި އޮފީހަށް ލުމާއި، ކިލާހަކަށް ގެންދިޔުމެވެ. އަހަންނަކީ ޓެކްސީ ޑުރައިވަރެކޭ ހީވާ ކަހަލައެވެ. މީހުން ބުނެއެވެ. މިނިވަންކަމާ އެކުގައި ދިރިއުޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެއެވެ. އަހަރެންނަކީ އެ ހައްގުން ވެސް މަހުރޫމުވި މީހެކެވެ. އަހަރެންގެ މުޅި ދިރިއުޅުން ބައްޓަންކުރަން ޖެހުނީ ރީނާގެ ކިބައިން ސަލާމަތްވާނެ ގޮތްތަކަށް ބަލައިގެންނެވެ.
"ކޮން ކުއްޖެއް؟" އަހަންނަށް ރީނާގެ މެސެޖު އަންނަން މާ ގިނަ ދުވަހެއް ނުނެގިއެވެ.
"އިންނަންއުޅޭ ކުއްޖާ!" އަހަރެން ބުނީމެވެ.
"ކޮން ނަމެއް ކިޔަނީ؟" ރީނާގެ ދެވަނަ ސުވާލު އައެވެ.
"މިހާރު ތި ގޯސްވަނީނު!" އަހަރެން ބުނީމެވެ. "ރީނާ ނުޖެހޭނެ އެ ހުރިހާ ކަމެއް ބަލާކަށް."
ރީނާއަށް އެ ޖަވާބު އަހަރެން ދިނީ ދުވަހެއްގެ މެންދުރުއެވެ. ހަވީރު އަހަރެންނަށް ފައިރޫޒާގެ ހުރިހާ މައުލޫމާތެއް ފޮނުވައިލިއެވެ. އަހަންނަށް ނޭނގޭ ކަންތަކަށްދަންދެން ކިޔައިދިނެވެ.
"ފައިރޫޒާއަކީ ހަމަ އަހަރެން ރަށު ކުއްޖެއް!" ރީނާ މައްސަލަޖެއްސިއެވެ. "އަމީންގެ މަންމަ ގަބޫލެއް ނުވާނެ."
"ތި ކަން އެނގެޔޭ،" އަހަރެން ބުނީމެވެ. "އެކަމަކު މަންމަ ކުޑަކޮށް ދަންނަ ފެމެލީއަކަށް ވާތީ ފަހަރެއްގަ އޯކޭ ވެދާނެކަމަށް.."
"އުހުނ!" ރީނާ ޖަވާބުގައި ބުންޏެވެ. "އޯކޭއެއް ނުވާނެ. މަންމަ ރުޅިއަންނާނެ."
"ދެން އެހެންވެއްޖެއްޔާ ހެދޭނެ ގޮތްގޮތް ވެސް ހުންނާނެއްނު." އަހަރެން ބުނީމެވެ.
ރީނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. ފައިރޫޒާ މާޒީގައި އަތްފުނާއަޅަން ފެށިއެވެ. ކުށް ހޯދަން ފެށިއެވެ.
"އެ ފައިރޫޒާއަކީ ވަރަށް ފީކަޅާ ކުއްޖެއް!" ޖެހިގެންއައި ދުވަހު މެސެޖެއް ލިބުނެވެ. "ފިރިހެނުންނާ އެއްކޮށް ރިސޯޓަށް ވެސް ދޭ! ސަފާރީއަށް ވެސް ދޭ! ޕޮލިސް ރެކޯޑު ވެސް އެބައޮތް."
ރީނާ އެ މައުލޫމާތުތައް ހޯދަނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އަޖައިބުވިއެވެ. ކަންދިމާކުރި ގޮތުން މާ ގިނަ ދުވަހެއް ނުވެ ފައިރޫޒާ ކިޔަވަން ރާއްޖެއިން ބޭރަށް ދިޔައެވެ. އެ ހިސާބުން ރީނާއަށް ފައިރޫޒާ ގެއްލުނީއެވެ. ފައިރޫޒާ ކިޔަވަންދިޔަކަމެއް ރީނާއަކަށް ނޭނގެއެވެ. އެހެން ހުރިހައިކަމެއް ފަސޭހައިން ހޯދައިލާ ރީނާއަށް އައްޒަގެ ހަގީގަތެއް ވެސް ނޭނގެއެވެ. އެ ދަނޑިވަޅު އަހަރެން ކޯހެއްގައި މެލޭޝިޔާއަށް ފުރަންޖެހުނެވެ. އެންމެފަހުން ރީނާއަށް އަހަރެން ވެސް ގެއްލުނީއެވެ.
ކޯސް ނިންމައިފައި އަހަރެން މާލެ އައިއިރު ރީނާ ވީ ލަންކާއަށް ގޮހެވެ. އެ ކުޅިވަރު ނިމެން ފެށީ އެ ހިސާބުންނެވެ. ދެން މަޑުމަޑުން އަހަރުމެން ދުރުވަމުން ގޮސް އެކަކު އަނެކަކުމަތިން ހަނދާންނެތުނީއެވެ. ނުވަތަ ހަނދާންކުރާ ވަރަށް ވުރެ އަހަރުމެންގެ ދިރިއުޅުމުގެ މަސައްކަތް ގިނަވީއެވެ. ރީނާ ގަޔާވާ ކަހަލަ އެހެން މީހަކު ފެނުނީކަމަށް ވެސް ވެދާނެއެވެ.
މިހާރު އައްޒަޔާ ކައިވެނިކޮށްގެން އަހަރެންގެ ދެ ކުދިން އެބަތިއްބެވެ. ލަފާކުރެވޭ ގޮތުގައި ރީނާ ވެސް މީހަކާ ކައިވެނިކޮށް ކުއްޖަކު ވެސް ލިބިއްޖެއެވެ. އެ ކައިވެނި ނުރޫޅިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އަހަރެންގެ ދުއާއަކީ އަހަރެންމަތިން ރީނާ ދުވަހަކު ވެސް ހަނދާން ނުވުމެވެ. ހުވަފެނުން ވެސް ރީނާޔަށް އަހަރެން ނުފެނުމެވެ.
ނިމުނީ