"ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހުގެ ބޮޑު ޗެޕްޓަރެއް"
"ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހުގެ ބޮޑު ޗެޕްޓަރެއް"

މެޑްރިޑް (ޑިސެމްބަރު 9) - ފުޓްބޯޅަ ތާރީހުގައި "ރޮނާލްޑޯ" މި ނަމަކީ ބޮޑު ހިއްސާއެއް އޮންނާނެ ޗެޕްޓަރެއް ކަަމަށް ބްރެޒިލްގެ ކުރީގެ އެއް ވަނަ ފޯވާޑް ލުއިޒް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ފުޓްބޯޅައިގެ ވިދުންގަދަވި ބްރެޒިލްގެ ފޯވާޑް ލުއިޒް ރޮނާލްޑޯ އަކީ ގިނަ ބަޔެއްގެ ނަޒަރުގައި އަދިވެސް އެންމެ މޮޅު އެއް ފޯވާޑެވެ. ރޮނާލްޑޯ ވަނީ 1993-2011 އަށް ބާސެލޯނާ، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި އޭސީ މިލާނުގައި ހުނަރު ސާބިތުކޮށްދީފަ އެެވެ.

ކެރިއަރުގައި ޗެމްޕިއަންސް ލީގު ފިޔަވައި ރޮނާލްޑޯ ވަނީ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. ޒުވާން އުމުރުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް ސަޕޯޓަރުންގެ ހިތުން ޖާގަހޯދި ރޮނާލްޑޯ އަކީ ބްރެޒިލް ފުޓްބޯޅައިގެ މުހިއްމު ތަރިއެކެވެ.

ލުއިޒް ރޮނާލްޑޯ ވަނީ ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތައުރީފްކޮށްފަ އެވެ.

"އަހަންނާ ކްރިސްޓިއާނޯ (ރޮނާލްޑޯ) އަކީ ގޯލާ ރަށްޓެހި ވިޔަސް ވަރަށް ތަފާތު ދެ ސްޓައިލެއްގެ ދެ ކުޅުންތެރިން. މިހާރު ކްރިސްޓިއާނޯ ސީދާ ސެންޓްރަލް ސްޓްރައިކަރަކަށް ކުޅުނަސް އަދިވެސް އޭނާގެ ކުޅުމުގައި ހުރީ އަހަންނާ ތަފާތު ގޮތެއް،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ އަނިޔާގެ މައްސަަލަ އެވެ. އޭގެ ސަބަބުން އޭނާގެ ފޯމު ގެއްލި ކުރިން ދައްކަމުން އައި މޮޅު ކުޅުން ތަކުރާރުކުރަން އުނދަގޫތަކެއްވި އެވެ. އެކަމަކު އޮތް ހިތްހަމަ ޖެހުމަކީ އެހެން ރޮނާލްޑޯ އެއްގެ ވިދުން ފުޓްބޯޅައިގައި ފެނުމެވެ.

"ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފަޑުނުވާނެ ނަމަކަށް މިހާރު ވެއްޖެ. އެއީ އަހަރެންގެ ދުވަސްވަރާއި މިހާރު ކްރިސްޓިއާނޯ (ރޮނާލްޑޯ) ދައްކާފައިވާ ތަފާތުގެ ސަބަބުން. ދުނިޔޭގެ ފުޓްބޯޅައިގައި ކޮންމެެ އިރެއްގައި ވެސް ރޮނާލްޑޯއޭ ބުނުމުން ގިނަ މީހުންނަށް އެނގޭނެ. އެއީ މި ނަމުން ފުޓްބޯޅަ އަށް ގިނަ ބަޔަކު ހިތްޖައްސުވައިފި،" ދާދި ފަހުން ސްޕެއިނުގެ ކްލަބެއް ކަމަށްވާ ރެއާލް ވަލަޑޮލިޑް ގަތް ރޮނާލްޑޯ ބުންޏެވެ.

އުމުރުން 33 އަހަރުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތަފާތު ދެއްކެނީ އޭނާ އެ ފެންވަރުގައި ހުންނަން ކުރާ މަސައްކަތުންކަން ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެމެން ފުޓްބޯޅަ ކުޅުނުއިރު މެޗު ކުޅެވޭވަރަށް ފިޓްކޮށް ހުންނަން ޓްރެއިން ކުރަނީ. އެކަމަކު މިހާރު ބަދަލުވެއްޖެ. ކްރިސްޓިއާނޯ (ރޮނާލްޑޯ) އަމިއްލަ އަށް ފިޓްކޮށް ހުންނަން މަސައްކަތްކުރަނީ ވަކި މަގުސަދެއް އޮވެގެނެއް ނޫން. އޭނާ އަކީ އެންމެ މަތީ ލެވެލްގެ ޕްރޮފެޝަނަލް އެތުލީޓެއް،" ރޮނާލްޑޯ ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޔުވެންޓަސްއާ އެކު ވެސް ކާމިޔާބު ހޯދޭނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.