ވަން8: މިއީ ކްރިކެޓް ތަރި ވިރާޓް ކޯލީގެ ވަސް
ވަން8: މިއީ ކްރިކެޓް ތަރި ވިރާޓް ކޯލީގެ ވަސް

އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ އަށް ނިސްބަތްވާ ސެންޓެއް "ވަން8" ގެ ނަމުގައި ނެރެފި އެވެ.

ފްރާންސްގައި އަހަރު ދުވަހުގެ މަސައްކަތުން އުފެއްދި، ފިރިހެނުންނަށް ހާއްސަ ސެންޓް މިހާރު އޮންލައިން ފިހާރަ މަންތުރާ އިން ގަންނަން ލިބޭނެ އެވެ. "ވަން8" ގެ ހަ ވަހެއް ވަނީ ނެރެފަ އެވެ. އެއީ އެކުއާ، ވިލޯ، އިންޓެންސް، އެކްޓިވް، ފްރެޝް އަދި ޕިއޯ އެވެ. މި ސެންޓު ތަފާތު ސައިޒުތަކުގެ ފުޅިތަކުގައި ގަންނަން ލިބޭނެ އެވެ.

"ވަން8" އާ ބެހޭ ގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާ ބުނީ މި ސެންޓަކީ އޭނާގެ ހިތާ ވަރަށް ގާތް އުފެއްދުމެއް ކަމަށެވެ. އަދި އަމިއްލަ ޝަހުސިއްޔަތު ވެސް ތަސައްވުރުކޮށްދޭ ގޮތަށް، ފްރާންސް ޓީމަކުން ހިތްގައިމު ސެންޓް ރޭންޖެއް ތައްޔާރުކޮށް ދީނީތީ އެކަމަށް ވިރާޓް ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

"އަހަރެން އުންމީދު ކުރަނީ މި ސެންޓް ރޭންޖާ އެކު ފޭނުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް،" ވިރާޓް، 30، ބުންޏެވެ. "އަދި އަހަރެން އުންމީދު ކުރަނީ މި ސެންޓްގެ ވަސް ހުރިހާ ފޭނުންނަށް ވެސް ވަރަށް ކަމުދާނެ ކަމަށް."

"ވަން8" ނުވަތަ "18" ނިސްބަތް ވަނީ ކްރިކެޓް މައިދާނުގައި މި ހުނަރުވެރި ބެޓްސްމެން ބޭނުން ކުރާ ޖާޒީގެ ނަމްބަރަށެވެ.

ވިރާޓަށް ނިސްބަތްވާ ގޮތަށް ސެންޓެއް ނެރުނު އިރު، އޭނާ ވަނީ ދާދި ފަހުން ޕޫމާއާ ގުޅިގެން ވަން8 ބާސްކެޓް ސްނީކާޒް ވެސް ބާޒާރަށް ނެރަފަ އެވެ. އަދި އޭނާގެ އަންހެނުން އަނުޝްކާއަކީ "ނަޝް" ގެ ނަމުގައި ކްލޯތިން ލައިނެއް ހިންގާ ބަތަލާއެކެވެ. މީގެ އިތުރުން ކްލީން ސްލޭޓްގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް ހިންގަ އެވެ.

އެހެންވެ ކްރިކެޓް ކުޅުމާއި ފިލްމު ކުޅުމުގެ ރަސްމީ މަސައްކަތުގެ ތެރެއިން އުފަންކޮށްފައިވާ މި ތަފާތު ވިޔަފާރިތަކާ އެކު ވިރާޓާއި އަނުޝްކާގެ އާމްދަނީ ވެސް އެތައް ތަނަކުން އުފުލިގެން ދާނެ އެވެ.