އުކުޅަހުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި
އުކުޅަހުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި

އއ. އުކުޅަހުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

އުކުޅަހުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި
އުކުޅަހުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި

"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފެށުމާ ދިމާކޮށް، ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއްގައި، އުކުޅަހުގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކާ އެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ދަށުން ބިއްލޫރި ފުޅި އާއި ފިލްޓާ ސިސްޓަމް ވެސް ހަދިޔާކޮށްފައި ވެ އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ، އެއް ފަހަރު ބޭނުންކުރުމަށް ފަހު އެއްލައިލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން ސަރުކާރުގެ މުއައްސަސާތަކުގައި ހުއްޓައިލުމަކީ، އެ މަސައްކަތުގައި ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އެކަމުގައި ވިޔަފާރިވެރިންނާއި އާއްމުންގެ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލަން ނިންމީ އުކުޅަހު ސްކޫލް، ރަށު މެޖިސްޓްރޭޓް ކޯޓް، މިފްކޯ، ސްޓެލްކޯ އަދި ގްލޯރިއާ ސްޕޯޓްސް ކްލަބުންނެވެ. އެ ތަންތަނަށް 140 ބިއްލޫރި ފުޅި ހަދިޔާކޮށްފައި ވެ އެވެ. އެއީ އެ އިދާރާތަކުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކަށް ފުޅި އެކެވެ.

ފިރާގު ވިދާޅުވީ ރަށު ސްކޫލުގައި ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ފިލްޓާ ސިސްޓަމެއް ހަރުކޮށްފައިވާ ކަމަށެވެ. އަދި ސްކޫލު މެދުވެރިކޮށް، ބެލެނިވެރިން ވެސް ސްކޫލަށް ޕްލާސްޓިކް ގެންދިއުން ހުއްޓާލުމަކީ އަމާޒެއްކަން ފާހަގަކުރެއްވި އެވެ.

އުކުޅަހުގައި ހިންގަމުން އަންނަ 26 ގެސްޓްހައުސްގެ ތެރެއިން ގިނަ ތަންތަނުގައި އަންނަނީ ފިލްޓާ ސިސްޓަމް ހަރުކުރަމުންނެވެ. ބޭނުމަކީ މުޅި ރަށުގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން ކަމަށް އާބާދީގައި 1،300 މީހުން އުޅެމުން އަންނަ ކައުންސިލުން ބުންޏެވެ.