ބެލޮންޑިއޯއާ އެކު ހެގަބާގް އަލުން ގައުމީ ޓީމާ ދިމާލަށް
ބެލޮންޑިއޯއާ އެކު ހެގަބާގް އަލުން ގައުމީ ޓީމާ ދިމާލަށް

ޕެރިސް، ފްރާންސް (ޑިސެމްބަރު 8) - ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑްސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ނޯވޭގެ އާޑާ ހެގަބާގް އަލުން ގައުމީ ޓީމަށް އަންނަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ލިޔޯނަށް ކުޅެމުން އަންނަ ހެގަބާގަކީ ބެލޮންޑިއޯ އެވޯޑްސް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ހެގަބާގް އެ ކާމިޔާބީ ލިބުނީ މިދިޔަ އަހަރު އޭނާ ލިޔޯނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ ޖެހިޖެހިގެން ދެ އަހަރު ލިޔޯނަށް ޗެމްޕިއަންސް ލީގު ހޯދައިދޭން އެހީތެރިވެފަ އެވެ.

އުމުރުން 23 އަހަރުގެ ހެގަބާގް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޔޫރޯގައި އެ ޓީމުގެ ނަތީޖާތައް ދަށްވެ، އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުންނެވެ. ހެގަބާގް ކުޅުން ހުއްޓާލުމުގެ ކުރިން ބުނީ ނޯވޭގެ ފުޓްބޯލް ފެޑެރޭޝަނުން ވެސް އެކަމުގައި އޭނާ އަށް އެހާބޮޑު އެއްބާރުލުމެއް ނުލިބުނު ކަމަށެވެ.

ހެގަބާގް ނެތި ނޯވޭ އިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކައި ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. އަދި އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ހެގަބާގް ފެނުމާމެދު ނޯވޭ ގައުމީ ޓީމުގެ ކޯޗު މާޓިން ސްޔޯގްރެން ހުރީ އުއްމީދުގަ އެވެ.

"އުއްމީދަކީ ހެގަބާގް އޭނާގެ ވިސްނުން ބަދަލުކޮށް އަލުން ޓީމަށް އައުން. އެއީ މުސްތަގުބަލުގައި މި ޓީމު ކާމިޔާބު ހޯދާނަމަ މޮޅެތި ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވާނެ،" މާޓިން ބުންޏެވެ.

ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހެގަބާގަށް ބެލޮންޑިއޯ އެވޯޑް ލިބުމުން ޓްވިޓާ މެދުވެރިކޮށް އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހެގަބާގް އަންނަނީ އޭނާގެ އޭޖެންޓް މެދުވެރިކޮށް ނޯވޭގެ ފުޓްބޯލް ފެޑެރޭޝަނާ ދެމެދު އޮތް މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަމުންނެވެ. އަދި މައްސަލަތައް ހައްލުވިހާ އަވަހަކަށް އަލުން ގައުމީ ޓީމަށް ދިއުމާ މެދު ހެގަބާގް އެންމެ ފަހުގެ ނިންމުން ނިންމައި އަލުން ގައުމީ ޓީމަށް އަންނާނެ ކަމަށް ނޯވޭގެ މީޑިއާ ރިޕޯޓްތައް ބުނެ އެެވެ.