08 ޑިސެމްބަރ 2018 - 09:03

ޓިއުރިން (ޑިސެމްބަރު 8) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އިންޓަ މިލާން 1-0 އިން ބަލިކޮށް ޔުވެންޓަސް ލީގުގެ އެއް ވަނައިގައި ލީޑު 11 ޕޮއިންޓަށް ބޮޑުކޮށްފި އެވެ.
ޔުވެންޓަސް އެއް ވަނައިގައި އޮތީ 15 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އިންޓަ އޮތީ 15 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ މިއަދު ކުޅޭނީ ރެލިގޭޝަނުގައި އޮތް ފްރޮސިނޯނޭއާ އެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކުރި އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލިއިރު، ގޯލާ ސީދާވާގޮތެއްނުވި އެވެ. މި ހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އިންޓަ އިންނެވެ. އޭރިއާ ތެރެއިން އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ ހުސްކޮށްލާފައި އެ ޓީމުގެ ރޮބާޓޯ ގަގްލިއަޑީނީ އަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
އިންޓަ އިން ވަނީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓުމުގައި ކުރިހޯދައިފަ އެވެ. ރޮނާލްޑޯ އަށް ރޭގެ މެޗުގައި މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ. ލަނޑެއް ޖެހުމަށް ޔުވެންޓަސް އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. ޔާއޯ ކަންސޭލޯ ނަަގައިދިން ބޯޅައަކުން މި ލަނޑު ޖެހީ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް އެވެ.
ނަތީޖާ ހަމަހަމަ ކުރަން އިންޓަ އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުނުވި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މަޓެއޯ ޕޮލިޓާނޯ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
އިންޓަގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނީ ބަލިވީ ކުޅުންތެރިން މުހިއްމު ވަގުތުތަކުގައި ފަރުވާކުޑަކޮށްލުމުން ކަމަށެވެ. އަދި ރަނގަޅަށް ފުރުސަތުތަކުގެ ބޭނުން ހިފިނަމަ މި މެޗުގެ ނަތީޖާ ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށާއި މިއީ އެއްގޮތަކަށް ވެސް ފަރުޖައްސާލެވޭނެ ނަތީޖާއެއް ނޫން ކަމަށް ބުންޏެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ލީގުގައި އެންމެ މުހިއްމުކަމަކީ އެންމެ ކައިރިން ވާދަކުރާނެ ކަމަށް ބެލެވޭ ޓީމުތައް އަތުން ބަލިނުވުން ކަމަށާއި އެ ފަދަ ޓީމެއް އަތުން ތިން ޕޮއިންޓް ހޯދުމަކީ ޔުވެންޓަސް އިން ލީގުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރަން ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށެވެ.