ޒުވާނުން އެންމެ ގިނައިން މަރުވަނީ މަގުމަތީގެ އެކްސިޑެންޓްގައި
ޒުވާނުން އެންމެ ގިނައިން މަރުވަނީ މަގުމަތީގެ އެކްސިޑެންޓްގައި

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 8) - ކުޑަ ކުދިންނާއި ޒުވާނުން އެންމެ ގިނައިން މަރުވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމާއަތުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މަގުމަތީގެ އެކްސިޑެންޓްތަކުގައި އެންމެ ގިނަ މީހުން މަރުވަނީ އެފްރިކާގެ ގައުމުތަކުގަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި އެފްރިކާ އާއި ސައުތު އެމެރިކާގެ ގައުމުތަކުގައި ސްޕީޑް ލިމިޓާ ގުޅޭ އެކަށީގެންވާ ގާނޫނުތަކެއް ހަދައިފައެއް ނެތެވެ. އެފްރިކާގެ 54 ގައުމުގެ ތެރޭން ދެބައިކުޅަ އެއްބައި ގައުމުގައި ވެސް ސްޕީޑް ލިމިޓާ ބެހޭ ގާނޫނެއް ނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.

އުމުރުން 5-29 އަހަރާ ދެމެދުގެ މީހުން އެންމެ ގިނައިން މަރުވަނީ ކާރު އެކްސިޑެންޓްތަކުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ޑަބްލިއުއެޗްއޯ އިން ލަފާ ކުރާ ގޮތުގައި އެޗްއައިވީ/އޭޑްސް އާއި ޓީބީ ފަދަ ބަލިތަކުގައި މަރުވާ މީހުންނަށް ވުރެ މަގުމަތީގެ އެކްސިޑެންތަކުގައި މަރުވާ މީހުންގެ އަދަދު އިތުރެވެ.

ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮންމެ 100،000 މީހެއްގެ ތެރޭން މަގުމަތީގެ އެކްސިޑެންޓްތަކުގައި 26.6 މީހުން މަރުވެ އެވެ. މަގުމަތީގެ އެކްސިޑެންޓްތަކުގައި އެންމެ މަދުން މީހުން މަރުވާ ޔޫރަޕަށް ވުރެ އެފްރިކާގައި މީހުން މަރުވާ ރޭޓް ތިން ގުނަ އިތުރު ކަމަށް ވެސް ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މަގުމަތީގެ އެކްސިޑެންޓްތަކުގައި 2016 ވަނަ އަހަރު ވަނީ 1.35 މިލިއަން މީހުން މަރުވެފަ އެވެ.