07 ޑިސެމްބަރ 2018 - 11:50

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 7) - އިޒްރޭލަށް ރޮކެޓް ހަމަލާ ދޭތީ ފަލަސްތީނުގެ ހަމާސް ޖަމާއަތް ކުށްވެރި ކުރަން އެމެރިކާ އިން ސްޕޮންސާކޮށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ނަގަން އުޅުނު ވޯޓު ފެއިލްވެއްޖެ އެވެ.
އެމެރިކާގެ ގަރާރަށް 87-57 ވޯޓުގެ އަޣުލަބިއްޔަތު ލިބުނު ނަމަވެސް ވޯޓު ފާސްކުރަން ބޭނުންވާ ތިންބައިކުޅަ ދެބައިގެ ތާއީދު ލިބިފައެއް ނުވެ އެވެ. ވަކިކޮޅަކަށް 33 ގައުމުން ވޯޓެއް ނުދެ އެވެ.
އެމެރިކާ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ ހަމާސް ކުށްވެރި ނުކުރުމަކީ 193 ގައުމު ހިމެނޭ ޖެނެރަލް އެސެމްބްލީން ހެދި ތާރީޚީ ގޯހެއް ކަމަށެވެ.
ހަމާސްގެ ތަރުޖަމާނަކު ވިދާޅުވީ އދ.ގެ ވޯޓަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ މޫނުމަތީގައި ޖެހި އެތި ފަހަރެއް ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ނުލިބު ނަމަވެސް މިއީ ހަމާސްއާ ދެކޮޅަށް އެހާ ގިނަ ވޯޓު ލިބުނު ފަހަރު ކަމަށެވެ.
ޓްރަމްޕް ސަރުކާރުން ދަނީ އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދު ކުރަމުންނެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެމެރިކާ އެމްބަސީ ވެސް ވަނީ ގުދުސް އަށް ބަދަލުކޮށްފަ އެވެ.