08 ޑިސެމްބަރ 2018 - 06:44

މަޝްހޫރު ހިލްޓަން ކުންފުނިން އެމެރިކާގައި ހިންގާ ހޮޓަލެއްގައި މަޑުކުރި އަންހެނަކު ފާހާނާގައި ފެންވަރަން ހުއްޓައި ނަގާފައިވާ ވީޑިއޯއެއް ބަރަހަނާ ސައިޓެއްގައި ޕޯސްޓްކޮށް، އެ ހޮޓަލުގެ މުވައްޒަފަކު އޭނާ ބްލެކް ކުރަމުންދާ ކަމަށް ބުނާ މައްސަލައެއްގެ ގެއްލުމުގެ ބަދަލަށް ހިލްޓަންގެ އަތުން 100 މިލިއަން ޑޮލަރު ނަގައި ދޭން ދައުވާކޮށްފި އެވެ.
ޝިކާގޯ އަށް ނިސްބަތްވާ "ޖޭން ޑޯއީ" ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެމެރިކާގެ ނިއު ޔޯކްގެ އަލްބެނީގައި ހިންގާ ހެމްޕްޓަން އިން އެންޑް ސުއިޓްސްގައި އޭނާ ހުރި ކޮޓަރީގެ ފާހާނާތެރޭގައި މުވައްޒަފަކު ސިއްރު ކެމެރާ ބަހައްޓައިގެން އޭނާ ފެންވަރާ މަންޒަރު ވީޑިއޯކޮށް، އެ ވީޑިއޯ ބަރަހަނާ ސައިޓަކަށް އަޕްލޯޑްކޮށްފައިވާ ކަމަށެވެ. އަދި ވީޑިއޯއާ އެކު އޭނާގެ ފުރިހަމަ ނަމާއި އީމެއިލް ވެސް ހިމަނާފައިވާ ކަމަށް ބުންޏެވެ.
މި މައްސަލަ މިހާރު ވަނީ އަލްބެނީގެ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ގާނޫނީ ދާއިރާ އިން ކިޔަވާފައިވާ "ޖޭން" ބުނެފައިވާ ގޮތުގައި އޭނާގެ ވީޑިއޯ ބަރަހަނާ ސައިޓެއްގައި ހުރިކަން އެނގުނީ ކާކުކަން ނޭނގޭ މީހަކު ފޮނުވަމުން ދިޔަ އީމެއިލްތަކެއްގެ ސަބަބުންނެވެ. އަދި މެއިލްތަކުގައި ޕްރައިވެޓް ފޮޓޯ ފޮނުވައި ދޭން އެދުމުގެ އިތުރަށް "ޗާންސަކަށް" ވެސް އެދިފައިވާ ކަމަށާއި އެ ފުރުސަތު ދީފި ނަމަ ވީޑިއޯ ޑިލީޓްކޮށްލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު އެ އީމެއިލްތަކަށް ޖޭން އިޖާބަ ނުދޭތީ އިތުރު ބަރަހަނާ ސައިޓްތަކަށް ވީޑިއޯ އަޕްލޯޑް ކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، އެ ވަރުން ނުވެގެން ގާތް ރައްޓެހިންނާއި އެކީގައި ކިޔެވި ބައެއް މީހުންނަށް ވެސް ވީޑިއޯ ފޮނުވާފައިވާ ކަމަށް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވެ އެވެ.
"އަދި ފަހުން އޭނާ އަހަރެން ބްލެކްމެއިލްކޮށް ފައިސާ އަށް ޑިމާންޑް ވެސް ކުރަމުން ދިޔަ. އެގޮތުން އެއް ފަހަރަކު ދެހާސް ޑޮލަރަށް ޑިމާންޑްކޮށްފައި އަހަރެއް ވަންދެން ކޮންމެ މަހަކު އެއްހާސް ޑޮލަރު ދޭން ވެސް ޑިމާންޑް ކުރަމުން ދިޔަ،" ޖޭން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޖޭން އަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރަނީ ހެމްޕްޓަން އާއި ހިލްޓަންގެ މައި ކުންފުނީގެ މައްޗަށެވެ.
މިކަމާ ގުޅިގެން ހެމްޕްޓަން އިން ނެރުނު ބަޔާނެއްގައި ބުނީ ޖޭން އެ ހޮޓަލަށް ކުރާ ތުހުމަތުތަކާ ބެހޭ ވާހަކަތައް އަޑު އެހީ މިދިޔަ ހޯމަ ދުވަހު ކަމަށާއި މިއީ ބޮޑު ޝޮކެއް ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އަންހެން މީހާ ހުރި ކަމަށް ބުނާ ކޮޓަރީގެ ފާހާނާގައި ސިއްރު ކެމެރާއެއް ހަރުކޮށްފައިވާކަން އެނގެން ނެތް ކަމަށް ބުންޏެވެ.
ނަމަވެސް ތުހުމަތުތަކެއްކޮށްފައި ވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުންޏެވެ.
ޖޭންގެ ވަކީލު ރޯލަންޑް ކްރިސްޓެންސެން ވިދާޅުވި ގޮތުގައި އޭނާގެ މުވައްކިލަށް ހޮޓަލުން ތަޖުރިބާ ކުރަން ޖެހުނު ހާދިސާއަކީ ހޮޓެލް ހިންގާ މީހުން "ހޭލައި ތިބެން ޖެހޭ" ކަމުގެ އިންޒާރެކެވެ. އަދި ކަސްޓަމަރުންގެ ސެކިއުރިޓީ އާއި ޕްރައިވެސީ ރައްކާތެރިކޮށް ދޭން މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.