08 ޑިސެމްބަރ 2018 - 06:46

ބްރެޒިލްގެ ފުރާވަރު އުމުރުގެ މޮޑެލްއަކަށް ބޭއަދަބީ ފޮޓޯތަކެއް ފޮނުވި ކަމަށް ބުނާ މައްސަލައެއްގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ޔޫއޭއީގައި ހައްޔަރުކޮށްފި އެވެ.
ގަލްފް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކާ ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. އޭނާ ދުބާއީ އަށް ގޮސްގޮން އުޅެނީ ޕްރައިވެޓް ޕާޓީއެއްގައި ޕަފޯމް ކުރަން ކަމަށްވެ އެވެ.
ގަލްފް ނިއުސް އިން ބުނި ގޮތުގައި ޔޫއޭއީގެ ފުލުހުން މިކާ ހައްޔަރު ކުރީ އޭނާ ފޮނުވި ފޮޓޯތައް ލިބުނު މޮޑެލް އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ. މޮޑެލް ބުނެފައިވާ ގޮތުގައި މިކާ ވަނީ ބޮލީވުޑުން ފުރުސަތު ހޯދައި ދޭނެ ކަމަށް ބުނެ، އޭނާގެ ފަރާތުން ޖިންސީ އުފާތަކެއް ހޯދަން ވެސް މަސައްކަތްކޮށްފަ އެވެ.
މި މައްސަލާއާ ގުޅިގެން ޔޫއޭއީގައި ހުންނަ އިންޑިއާގެ އެމްބަސީން ވެސް މިހާރު އަންނަނީ މިކާގެ ހާދިސާ ހިނގައި ދިޔަ ގޮތް ބަލަމުންނެވެ.
އެކަން ކަށަވަރުކޮށް ދެމުން އިންޑިއާ އިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަވްދީޕް ސިންގް ވިދާޅުވީ މިކާ ހައްޔަރު ކުރި މައްސަލަ އެމްބަސީގެ ސަމާލު ކަމަށް އައިސްފައިވާތީ އެކަން ހިނގައި ދިޔަ ގޮތް ބަލަމުން ގެންދާ ކަމަށެވެ.
"މިކާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. އަހަރެމެން މި އަންނަނީ މިކަން އިތުރަށް ބަލަމުން،" ނަވްދީޕް ވިދާޅުވި އެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް މިހާތަނަށް މަގުބޫލު އެތައް ލަވައެއް ކިޔައި ދީފައިވާ އަދި މިދިޔަ އަހަރުގެ ނިއު އިޔާގައި ރާއްޖޭގައި ވެސް ޕަފޯމްކޮށްފައިވާ މިކާ، 41، އަކީ ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ލަވަކިޔުންތެރިއެކެވެ.
އެގޮތުން އޭނާގެ އުފަން ދުވަހުގެ ޕާޓީއެއްގައި އައިޓަމް ގާލް ރާކީ ސާވަންތު އަށް ގަދަކަމުން ދޮންދިން މައްސަލައެއްގައި ވެސް މިކާ ހައްޔަރުކޮށްފައިވެ އެވެ. އެ ފަހަރު އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.