މަދޫރީ ޑިކްސިޓް އަންނަ އަހަރުގެ ލޯކް ސަބާ އިންތިހާބުގައި ވާދަ ކުރަނީ
މަދޫރީ ޑިކްސިޓް އަންނަ އަހަރުގެ ލޯކް ސަބާ އިންތިހާބުގައި ވާދަ ކުރަނީ

އަންނަ އަހަރު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާގެ އިންތިހާބުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ވާދަ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ، ނަން ހާމަ ނުކުރާ އިސް އޮފިޝަލަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ ބީޖޭޕީން ލޯކް ސަބާ އަށް ވާދަ ކުރާ ގޮނޑީގެ ތެރެއިން ޕޫނޭގެ ގޮނޑި އަށް ވާދަ ކުރަން ޝޯޓްލިސްޓްކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި މަދޫރީ ހިމެނޭ ކަމަށެވެ. އެހެންވެ އެ ޓިކެޓް މަދޫރީ އަށް ދީ، އޭނާ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ.

"މަދޫރީ އަށް ޓިކެޓް ދިނުމާ ގުޅޭ ގޮތުން ޕާޓީން ވަނީ ވަރަށް ސީރިއަސްކޮށް ވިސްނާފައި،" އޮފިޝަލް ވިދާޅުވި އެވެ.

"ހަމް އާޕް ކޭ ހޯ ކޯން" އާއި "ދިލް ތޯ ޕާގަލް ހޭ" އަދި "ދޭވްދާސް" ފަދަ އެތައް ފިލްމެއް ކުޅެފައިވާ 51 އަހަރުގެ ބަތަލާ ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ހަބަރު ފަތުރާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ބީޖޭޕީގެ ލީޑަރު އަމިތު ޝާހް މުމްބާއީގައި މަދޫރީއާ ބައްދަލުކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކާފައި ވަނިކޮށެވެ.

ޑރ. ސްރީރާމް ނޭނޭއާ ކައިވެނިކޮށްގެން މިހާރު ދެ ކުދިން ތިބި ބަތަލާ ލޯކް ސަބާގެ ގޮނޑިއަކާ އެކު، ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމަށް މީޑިއާތަކުގައި ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް މަދޫރީ މިކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އޭނާ މިހާރު އަންނަނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.

މީގެ އިތުރުން އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕްގެ އަލަތު ފިލްމަށް ވެސް މަދޫރީ ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.

މަދޫރީ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ އަންނަ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒް ކުރާ މަރާޓީ ފިލްމު "ބަކެޓްލިސްޓް" އެވެ.

މަދޫރީ ވަނީ މި އަހަރުގެ ކުރީކޮޅު ފިރިމީހާ ނޭނާއާ ގުޅިގެން އާރްއެންއެމްގެ ނަމުގައި މަރާޓީ ފިލްމު ހަދަން ކުންފުންޏެއް ވެސް ހަދައިފަ އެވެ. އެ ކުންފުނީގެ ފުތަރަމަ އުފެއްދުން "ފިފްޓީންތު އޯގަސްޓް" އަންނަ އަހަރުގެ ތެރޭގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެ އެވެ.

އިންޑިއާގެ ސިޔާސީ ދާއިރާ އިން ބޮލީވުޑްގެ މަޝްހޫރު ތަރިން ފެނުމަކީ އާ ކަމެއް ނޫނެވެ. މިހާރު ވެސް ބަތަލާ ހެމާ މާލިނީއަކީ ލޯކް ސަބާގެ މެމްބަރެކެވެ. އަދި ޖާޔާ ބައްޗަންއަކީ ރަޖިއާ ސަބާގެ މެމްބަރެކެވެ.