18 އޯގަސްޓް 2016 - 12:03

އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސަންޑްރާ ބްލޮކް މިހާރުގެ ލޯބިވެރިޔާ ބްރަޔަން ރަންޑާލްގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި ދެ މީހުން ކައިވެންޏަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އަޑު ފެތުރެން ފަށައިފި އެވެ.

ސަންޑްރާ، 52، ގެ ވަރަށް ގާތް މީހަކާ ހަވާލާދީ އީ ނިއުސް ބުނީ ސަންޑްރާގެ ހަތާޔަށް ކުރިން ނާންނަ ވަރުގެ އުފާވެރި ކަމެއް މިހާރު އައިސްފައިވާ ކަމަށެވެ. އަދި ބްރަޔަން އާއި ސަންޑްރާ އެކުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރަމުން އަންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ ދެ މީހުން ރައްޓެހިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން އެވެ. ބްރަޔަންއަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރެކެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދުވަސްކޮޅަކީ ދަރިންގެ ސްކޫލް ބަންދަކަށްވުމާ އެކު، ވީހާ ވެސް ގިނަ ވަގުތު ބްރައަން އާ އެކީ ހޭދަ ކުރެވޭތޯ ސަންޑްރާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިހާރު ދެ މީހުންގެ ގުޅުން ގޮސްފައި އޮތް ހިސާބަށް ބަލާ އިރު، ސަންޑްރާ ދެވަނަ ކައިވެންޏަކަށް ތައްޔާރުކަމުގެ ނިޝާންތަކެއް ފެންނަމުންދާ ކަމަށްވެ އެވެ.
ޖެސީ ޖޭމްސް އާ ސަންޑްރާ 2005 ގައި ކުރި ކައިވެނި އޭގެ ފަސް އަހަރު ފަހުން 2010 ގައި ރޫޅުނު އިރު، އެ ދެ މީހުން ދެ ކުދިން އެޑަޕްޓްކޮށްގެން ގެންގުޅެ އެވެ.
ސަންޑްރާ ޖޭމްސް އާ ކައިވެނި ކުރުމުގެ ކުރިން އެކްޓަރު ޓޭޓް ޑޮނަވަން އާ އެންގޭޖް ވެސް ވި އެވެ. އެކަމަކު ތިން އަހަރު ފަހުން އެންގޭޖަމަންޓް ވަނީ ރޫޅާލައިފަ އެވެ. އެ ދެ މީހުން ރައްޓެހިވީ އެކުގައި 1992 ގައި ކުޅުނު ފިލްމް "ލަވް ޕޯޝަން ނަމްބަ. 9" ގެ މަސައްކަތް ކުރި ދުވަސްވަރު އެވެ.
ފަހުން ސަންޑްރާ ވަނީ އެކްޓަރު މެތިއު މެކޮނެހޭ އާއި ރަޔަން ގޮޒްލިން އާ ވެސް ޑޭޓްކޮށްފަ އެެވެ.