06 ޑިސެމްބަރ 2018 - 16:37

ބެއިޖިން (ޑިސެމްބަރު 6) - ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ކެނެޑާ އިން ހައްޔަރު ކުރި ސަބަބު އޮޅުން ފިލުވައި ދިނުމަށް ޗައިނާ އިން އެދިއްޖެ އެވެ.
ޗައިނާގެ ޓެލެކޮމް ކުންފުނީގެ ބާނީގެ ދަރިކަނބަލުން ވެންކޫވާ އިން ހައްޔަރު ކުރީ ޑިސެމްބަރު 1 ވަނަ ދުވަހު އެވެ. އަދި އޭނާ އެމެރިކާއާ ހަވާލު ކުރުމުގެ ބިރު ބޮޑު ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.
ވަންޒޫ ހައްޔަރު ކުރި ސަބަބެއް ނޭނގެ އެވެ. ނަމަވެސް އެމެރިކާ އިން ދަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ވާވޭ އިން ޚިލާފުވި މައްސަލައެއް ބަލަމުންނެވެ.
ޗައިނާ އިން ވަނީ ވަންޒޫ ދޫކޮށްލަން ގޮވާލައިފަ އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަކީ އިންސާނީ ހައްގަކާ ޚިލާފުވުން ކަމަށް ވަނީ ބުނެފަ އެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް ބުނެފައި ވަނީ ސަބަބެއް ނެތި ބަންދުކޮށްފައި ބެހެއްޓުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް ކަމަށެވެ.
ވާވޭ ކުންފުނީގެ އިސްވެރިއަކު ހައްޔަރުކޮށްފައި މިވަނީ ހުޅަނގުގެ ގައުމުތަކުގައި ވާވޭ ޓެކްނޮލޮޖީ މަނާ ކުރަން އުޅޭ ދުވަސްވަރެއްގަ އެވެ.