އަހަންނަކީ ރެފްރީންގެ ޓާގެޓެއް: ކޮސްޓާ
އަހަންނަކީ ރެފްރީންގެ ޓާގެޓެއް: ކޮސްޓާ

ލަންޑަން (އޮގަސްޓް 17) - އިންގްލެންޑުގެ ރެފްރީން އޭނާ ޓާގެޓަކަށް ހަދާފައިވާ ކަމަށް ބުނެ ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުގައި ކޮސްޓާ އަށް ރީނދޫ ކާޑު ދައްކާފައިވަނިކޮށް މެޗުގެ ފަހު ވަގުތުގައި ވެސްޓް ހޭމްގެ ކީޕަރު އެޑްރިއަން އަށް ފައުލުކުރުމުން ކޮސްޓާ އަށް އިތުރު ރީނދޫ ކާޑެއް ނުދެއްކުމުން ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް ވަނީ ރެފްރީގެ ނިންމުން ގޮސްކަމަށް ބުނެފަ އެވެ.

ކޮސްޓާ ބުނީ އޭނާއާ މެދު ރެފްރީން ކަންތައް ކުރަނީ އެހެން ކުޅުންތެރިންނާ މެދު އަމަލުކުރާ ގޮތާ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.

"ތެދައް ބުނަންޏާ އިނގިރޭސި ރެފްރީން އަހަންނާ މެދު އަމަލުކުރަނީ ތަފާތު ގޮތަކަށް. އެހެން ކުޅުންތެރިއަކު ފައުލުކުރުމާ އަހަރެން ކުރުމާ ތަފާތު ވެގެނެއް ނުވާނެ. ކުޅުންތެރިންނަށް ރެފްރީން ޓާގެޓް ކުރުމަކީ ރަނގަޅު އުސޫލެއް ނޫން،" ކޮސްޓާ އީއެސްޕީއެން ބްރެޒިލް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ދަނޑުމަތީގައި ރުޅިގަދަ ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޮސްޓާ ވަނީ މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗުތަކަކަށް ސަސްޕެންޑް ކޮށްފަ އެވެ. ކޮސްޓާ ބުނީ އެ ހުރިހާ ކަމަކަށް ސަމާލުކަމެއް ނުދީ އޭނާ ބޭނުންވަނީ ޓީމު މޮޅު ކޮށްދޭން ކަމަަށެވެ.

"އަހަރެން މި ކަންތައްތަކާ އަޅާނުލަން. އަހަރެންނަކީ ކުޅުންތެރިޔެއް. އަހަރެންގެ މަސައްކަތަކަށް ވާން ޖެހޭނީ ދަނޑުމަތީގައި ޓީމަށް އެހީތެރިވެދިނުން. ޓީމު މޮޅު ކޮށްދިނުމުން އަހަރެންގެ ވަޒީފާ ނިމުނީ،" ސްޕެއިންގެ ފޯވާޑް ކޮސްޓާ ބުންޏެވެ.