06 ޑިސެމްބަރ 2018 - 15:42

ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ހިންގާ "ބްލޫސް ހައުސިން ސްކީމް"ގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ މިއަދު ބައްލަވާލައްވައިފި އެވެ.

ފްލެޓްގެ މަސައްކަތް ބައްލަވައިލައްވަން އިމްރާން ކުރެއްވި ޒިޔާރަތުގައި ކަމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
"ބްލޫސް ހައުސިން ސްކީމް"ގެ ނަމުގައި 2014 ގައި އަޅަން ފެށި ފްލެޓްތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.
ފުލުހުންނަށް ހާއްސަކޮށްގެން އަޅާ 300 ފްލެޓް ލިބޭނެ މީހުން، 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ބައެއް މީހުން އޭރު ޑައުންޕޭމަންޓް ވެސް ދެއްކި އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ. ފުލުސް އޮފީހުން ކުރިން ބުނެފައި ވަނީ މި އަހަރު މެދެއްހާ ހިސާބުގައި އެތަން އެއްކޮށް ނިންމައި، ދިރިއުޅެން ފެށޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.