ލޮރިސް ހަތަރު ހަފުތާ އަށް ކުޅުމާ ދުރަށް
ލޮރިސް ހަތަރު ހަފުތާ އަށް ކުޅުމާ ދުރަށް

ލަންޑަން (އޮގަސްޓް 17) - ޓޮޓެންހަމް ހޮޓްސްޕާސްގެ ގޯލްކީޕަރު ހޫގޯ ލޮރިސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ހަތަރު ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުގައި އެވަޓަންއާ 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ލޮރިސް ވަނީ ބާލައިފަ އެވެ. އޭގެ ފަހުން އިއްޔެ އެ ކްލަބުން ބުނީ އޭނާ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ލޮރިސް އަށް ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ލިވަޕޫލާ ދެކޮޅަށް ނުކުޅޭވެނެ އެވެ. މީގެ އިތުރުން އަންނަ މަހު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ މެޗަށް ފިޓްވުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފްރާންސް ޖާގަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ލޮރިސް އަށް އަންނަ މަހުގެ 1 ވަނަ ދުވަހު އިޓަލީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ވެސް ބައިވެރިނުވެވޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔޫރޯ ނިމުނު އިރު ވެސް ލޮރިސް ހުރީ އަނިޔާގަ އެވެ. އަދި އޭނާގެ ފަޔަށް އަލުން އަނިޔާވީ، މުޅިން ފިޓްނުވަނީސް ޕްރެކްޓިހަށް ނެރުމުންނެވެ.