އިށީނދެ އިނުން ގިނަވުމުން ކަސްރަތުގެ ފައިދާ ގެއްލޭ
އިށީނދެ އިނުން ގިނަވުމުން ކަސްރަތުގެ ފައިދާ ގެއްލޭ

ކިތަންމެ ގިނައިން ކަސްރަތުކުރި ކަމުގައި ވިޔަސް ގިނައިރު އިށީނދެ އިންނަ ނަމަ ކަސްރަތުން ހިތަށް ލިބެންޖެހޭ ފައިދާތައް ގެއްލި ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެގެންދާ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ބުނެފި އެވެ.

އޭއެޗްއޭ އިން ބުނެފައި ވަނީ ގިނައިރު އިށީނދެގެން ތިބޭ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"މިހާރު ލިބިފައިވާ ހެކިތަކަށް ބަލާއިރު، އެމެރިކާ މީހުން ކޮންމެ ދުވަހަކު އަށް ގަޑިއެެއްހާއިރު އިށީނދެގެން ތިބޭ،" އޭއެޗްއޭގެ ޗެއާމަން ޑިބޯރާ ރޯމް ޔަންގް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އިށީނދެގެން ތިބުމުގެ މައްސަލަ އުމުރުން ދުވަސްވީ ވަރަކަށް ގޯސްވަމުންދާ ކަމަށެވެ. އެގޮތުން 60 އަހަރުން މަތީގެ މީހުން ކޮންމެ ދުވަހަކު 8.5 ގަޑިއިރާއި 9.6 ގަޑިއިރާ ދެމެދު ވަގުތެއްގައި އިށީދެގެން ތިބޭ ކަމަށްވެ އެވެ.

"އިށީނދެ ތިބެގެން ހިތުގެ ބަލިތަކަށް ހުށަހެޅޭނެ. ހަރަކާތްތެރިކަން އިތުރުކޮށް އިށީނދެ އިނުން މަދުކުރަން ޖެހޭ،" ސެންޓަފޯ ކާޑިއޯވެސްކިއުލާ ލައިފްސްޓައިލް މެޑިސިންގެ ޑިރެކްޓަރު ބާބަރާ ޖޯޖް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ކޮންމެ ދުވަހަކު ވެސް މަދުވެގެން 30 މިނެޓް، ކަސްރަތު ލިބޭ އާދައިގެ ހަރަކާތްތެރި ކަމެއް ކޮށްލުމަށް ޑޮކްޓަރުން ލަފާ ދީފައި އޮތަސް އެއަށްވުރެ ގިނައިރު ހަރަކާތްތެރިވެ އުޅެންޖެހޭ ކަމަށެވެ. ހިތުގެ ބަލިތަކުން ދުރުވެ ތިބެން ހަރަކާތްތެރި ދިރިއުޅުމެއްގެ މުހިންމުކަން ފަހުގެ ދިރާސާތަކުން ހާމަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ދިރާސާތަކުން ދައްކަނީ މިހާރު މީހުން އިށީނދެ ތިބޭ ވަގުތު މާބޮޑަށް އިތުރުވެގެން ދިއުމުން، ކުރިން ލަފާ ދީފައިވާ ވަރަށް ވުރެ ގިނައިން ކަސްރަތުކޮށް އަދި ހަރަކާތްތެރިވެ އުޅެންޖެހޭ ކަމަށެވެ.