06 ޑިސެމްބަރ 2018 - 09:55

އެކްސްކަވޭޓަރަކުން ޖެހި ގއ. ކަނޑުހުޅުދޫގައި އިންޑިޔާ ފިރިހެނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކްސްކަވޭޓަރަކުން ޖެހި މަރުވީ އެމްޓީސީސީގެ މުވައްޒަފެއް ކަމަށެވެ. ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެ ކުންފުނިންނެވެ.
ނަމަވެސް 35 އަހަރުގެ އެ މީހާގެ ގައިގައި އެކްސްކަވޭޓަރަކުން ޖެހުނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
"އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން ފެންނާކަށް ނެތް މާބޮޑު ގެއްލުންތަކެއް. އެކްސްކަވޭޓަރުން ޖެހުނުތަނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށާފައި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.