އިންޑިއަން އައިޑޮލް 10ގެ ޖަޖަކަށް ވުމަކީ ބޮޑު ޝަރަފެއް: ނޭހާ ކައްކަރް
އިންޑިއަން އައިޑޮލް 10ގެ ޖަޖަކަށް ވުމަކީ ބޮޑު ޝަރަފެއް: ނޭހާ ކައްކަރް

ސޮނީ ޓީވީން މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖެއްގެ ގޮތުގައި މަސައްކަތްކޮށްލަން ލިބުމަކީ ހުވަފެނަކުން ވެސް ނުދެކޭ ވަރުގެ ޝަރަފަކާއި ކާމިޔާބީއެއް ކަމަށް އިންޑިއާގެ މިހާރު އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޒުވާން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ މި ލަވަކިޔުންތެރިން ފާހަގަކޮށްލެވެނީ އިންޑިއަން އައިޑޮލްގެ ތާރީހުގައި ވެސް، އެ ޝޯގެ ކޮންޓެސްޓަންޓެއްގެ ގޮތުގައި ވާދަ ކުރުމަށް ފަހު، ޖަޖެއްގެ ގޮތުގައި އައި ފުރަތަމަ ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ. ނޭހާ ވާދަކޮށްފައި ވަނީ 2006 ގައި ސޮނީން ގެނެސް އިންޑިއަން އައިޑޮލްގެ ދެވަނަ ސީޒަނުގަ އެވެ. އެ ފަހަރު އޭނާ މުބާރާތުގައި ވާދަކޮށް، ކަޓައިގެން ދިޔައީ ގަދަ 8 އިންނެވެ.

އެހުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް ލަވައެއް މިހާތަނަށް ކިޔާފައިވާ އަދި ބޮލީވުޑްގައި މިހާރު ޑިމާންޑް ބޮޑު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ބުނީ އިންޑިއަން އައިޑޮލްގެ ޖަޖްކަން ކުރަން ލިބުމަކީ އޭނާގެ ދިރިއުޅުން ވެސް ބަދަލުކޮށްލި ކަމެއް ކަމަށެވެ.

"އަހަރެން ދުވަހަކު ހުވަފެނުން ވެސް ދުށް ކަމެއް ނޫން އިންޑިއަން އައިޑޮލްގެ ޖަޖްކަން ކުރުމަކީ. ވަކިން ހާއްސަކޮށް އަހަންނަކީ މި ޝޯގައި ވާދަކޮށްފައި ވެސް ހުރި ބައިވެރިއަކަށްވާތީ ދުވަހަކު އުންމީދެއް ވެސް ނުކުރަން ޖަޖުންގެ ޕެނެލުން ފުރުސަތު ލިބޭނެ ކަމަކަށް،" ނޭހާ ބުންޏެވެ.

ނޭހާ ބުނި ގޮތުގައި ވަކިން ހާއްސަކޮށް ލަވަކިޔުންތެރިއެއްގެ ގޮތުގައި މިހާތަނަށް އޭނާ ފެނިފައިވާ ގޮތަށް ބަލާ އިރު، އިންޑިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުން ފުރުސަތެއް ލިބޭނެ ކަމަށް ހިތަކަށް ވެސް ނާރަ އެވެ.

"އަހަންނަކީ ބޮޑަށް ސްޓޭޖްތަކުގައި ލައިވް ޕަފޯމަންސަށް އިސްކަންދޭ ލަވަކިޔުންތެރިއެއް. އަދި ބޮޑަށް މިހާތަނަށް ކިޔާފައި ހުންނާނީ ވެސް ތަންކޮޅެއް ޕާޓީ ސްޓައިލްގެ ލަވަތައް،" އެކްޓަރު ހިމާންޝް ކޯލީއާ ރައްޓެހިވެގެން އުޅޭ ނީހާ ބުންޏެވެ. "އެހެންވެ ވަރުގަދަ ބޮޑު ޝޯއެއްގެ ޖަޖެއްގެ ގޮތުގައި ޓެކްނިކަލް ގޮތުން ވާހަކަ ދައްކަން ފުރުސަތު ލިބުމަކީ އުންމީދު ވެސް ނުކުރާ ކަހަލަ ކަމެއް. އަހަރެން ޝުކުރު އަދާ ކުރަން މި ފުރުސަތު ސޮނީން ދިނީތީ. ހަގީގަތުގައި އަދިވެސް މި އުޅެނީ ހުވަފެނެއްގެ ތެރޭގައި."

ކުރިން ނޭހާ ވަނީ ޒީޓީވީން އެންމެ ފަހުން ގެނެސް ދިން ކުޑަކުދިންގެ ލަވަ ޝޯ "ސާރެގަމާ ލިލް ޗެމްޕްސް" ގެ ޖަޖްކަން ކޮށްފަ އެވެ.

ނޭހާ ބުނި ގޮތުގައި މިފަދަ ޝޯތަކުން އޭނާ އަށް ފުރުސަތު ލިބި ކެރިއަރަށް ވަނީ ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އައިސްފަ އެވެ. އެކަން އޭނާ މިހާރު ސިފަ ކުރަނީ "ސުޕަސްޓާރެއް" ގެ ދަރަޖަ ލިބުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ.

"މިހާރު ތަނަކަށް ދިޔަސް މީހުން އަހަރެން ދެކެނީ ހަމަ ވަރުގަދަ ސުޕަސްޓާރެއްގެ ގޮތުގައި. އެކަމާ ވަރަށް އުފާވޭ. އަހަރެން މިހާރު ގަބޫލު ކުރަން ބުރަކޮށް މަސައްކަތް ކުރާ މީހުންނަށް އުޑުގައި ހުންނަ ތަރިތަކާ ހަމައަށް ވެސް ދެވޭނަކަން. އަހަރެންގެ އަމިއްލަ ތަޖުރިބާ އިން އެކަން ގަބޫލު ކުރެވޭ މިހާރު،" ނޭހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައެއް ޒުވާނުން ބައްދަލުކޮށްފައި އެ މީހުންގެ އިންސްޕިރޭޝަނަކަށްވާ ކަމަށް ބުނާތީ އެއީ ވަރަށް ބޮޑު ވަރެކެވެ.

"ބައެއް މީހުން ކުރިން އަހަންނާ ދިމާލަށް ބުނެފައި އެބަހުރި އިސްކޮޅުން ކުރުކަމުން ކިހިނެއް ހެއްޔޭ ސްޓޭޖްތަކުގައި އޯޑިއަންސް ހިތްދަމައި ގަންނަ ގޮތަށް ފަފޯމް ކުރާނީ. އެކަމަކު އިސްކޮޅުން ކުރަސް އެކަން ވެސް ކުރެވޭކަން އަހަރެން މިހާތަނަށް ދިން ޝޯތަކުން ސާބިތު ވެސްކޮށް ދެވިއްޖެ،" ނޭހާ ބުންޏެވެ.

އިންޑިއަން އައިޑޮލް 10 ގެ ފިނާލޭ އަށް މިހާރު ތައްޔާރުވަމުން އަންނަ އިރު، އެ ޝޯގެ ޖަޖުންގެ ގޮތުގައި ނޭހާއާ އެކު މިހާރު ތިބެނީ ވިޝާލް ދަދުލާނީ އާއި ޖާވިދު އަލީ އެވެ.