ޒަހީރު ހާނާއި ސުނިލް ޝެޓީ ކްރިކެޓް ލީގެެއް ހަދަނީތަ؟
ޒަހީރު ހާނާއި ސުނިލް ޝެޓީ ކްރިކެޓް ލީގެެއް ހަދަނީތަ؟

އިންޑިއާގެ ކްރިކެޓް ތަރިންނާ ބޮލީވުޑާ އޮންނަ ގުޅުން ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް ލޯބީގެ ކަންކަމުގަ އެވެ. މަޝްހޫރު ބައެއް ކްރިކެޓް ތަރިންނަކީ މިހާރު ވެސް ފިލްމީ ބަތަލާއިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. އޭގެ ތެރޭގައި ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރުމާ، ހަރުބަޖަން ސިންގް އާއި ގީތާ ބަސްރާ އަދި ޔުވްރާޖް ސިންގް އާއި ހެޒެލް ކީޗްގެ އިތުރުން ޒަހީރު ހާނާއި ސާގަރިކާ ގަޓްގޭ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒަހީރު މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ވެސް ތައްޔާރުވަމުންނެވެ. މި ވާހަކަ މީޑިއާތަކުގައި މި ދުވަސްކޮޅު ވަރަށް ގަދައަށް ދެކެވެން ފަށާފައި މި ވަނީ ސުނިލް ޝެޓީއާ އެކު ޒަހީރު މާ ގިނައިން ފެންނާތީ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ސުނިލް ޕްރޮޑިއުސް ކުރާ ފިލްމެއް ޒަހީރަށް ހުށަހަޅާފައިވާތީ އެކަމާ ބެހޭ ގޮތުން ދެ މީހުން މިހާރު އުޅެނީ މަޝްވަރާތަކުގެ ތެރޭގަ އެވެ. އަދި އެ ފިލްމަކީ ކުޅިވަރަކަށް ހާއްސަކޮށްގެން ހަދާ ފިލްމެއް ކަމަށްވެ އެވެ. މާ ގިނަ އިން ދެ މީހުން އެކީގައި ފެންނަނީ މި ޕްރޮޖެކްޓާ ބެހޭ ގޮތުން ބައްދަލުކޮށް މަޝްވަރާ ކުރާތީ ކަމަށްވެ އެވެ.

އެކަމަކު ބައެއް އެހެން ރިޕޯޓްތައް ބުނަނީ އަދި މުޅިން އެހެން ވާހަކައެކެވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސުނިލް އާއި ޒަހީރު އަތުގުޅައިލަން އުޅެނީ ކްރިކެޓް ލީގެއްގެ މަސައްކަތާ އެކުގަ އެވެ. އެހެންވެ އެކަމާ ބެހޭ ގޮތުން ދެ މީހުން ބައްދަލު ކުރަނީ ކަމަށްވެ އެވެ.

ކޮންމެއަކަސް މިކަމާ ބެހޭ ގޮތުން ސުނިލް އާއި ޒަހީރު ވެސް އަދި ރަސްމިކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ދެ ތަރިންގެ ފޭނުން ތިބީ ވާން އުޅޭ ގޮތެއް ބަލަން ކެތްމަދުވެފަ އެވެ.

ޒަހީރު ވަނީ ސުނިލްއާ ގުޅިގެން ކްރިކެޓް ލީގެއް ތައާރަފު ކުރަން އުޅޭ ކަމަށް ނޫހެއްގައި ޝާއިއުކޮށްފައިވާ އާޓިކަލެއްގެ ސްކްރީން ޝޮޓެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭގެ ކެޕްޝަނުގައި އޭނާ ބުނެފައި ވަނީ "ވަރަށް އުފަލުން" ހުރި ކަމަށެވެ.

ޒަހީރުގެ މި ޕޯސްޓުން ގަބޫލު ކުރަންވީ ކްރިކެޓް ލީގެއް ސުނިލްއާ ގުޅިގެން ހަދާ ވާހަކަ ބާވަ އެވެ؟ ފޭނުން ތިބީ ދެ ތަރިން ގުޅިގެން ކުރަން އުޅޭ ކަމެއް ކަށަވަރުވާނެ އިރެއްގެ އިންތިޒާރުގަ އެވެ.