18 އޯގަސްޓް 2016 - 06:35

އެމެރިކާގެ ލޫސިއާނާ ސްޓޭޓަށް މިދިޔަ ހަފުތާގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް، މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިިފްޓް އެއް މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.

އޭނާ ބުނީ ލޫސިއާނާ އަށް ދިމާވި ހާދިސާގެ ސަބަބުން އެތައް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހި، ހާލުގައި ޖެހުމަކީ ވަަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ.
ޓޭލާ އެންމެ ފަހުން ނެރުނު އަލްބަމް "1989" ޕްރޮމޯޓް ކުރަން ކުރިއަށް ގެންދިޔަ ޓުއާ ވެސް އެންމެ ފުރަތަމަ ބޭއްވީ ލޫސިއާނާގަ އެވެ.
އެކަން ފާހަގަކޮށް އެސޯސިއޭޓް ޕްރެސް އަށް 26 އަހަރުގެ ލަވަކިއުންތެރިޔާ ބުނީ ލޫސިއާނާ އަކީ ވަރަށް ވަރުގަދަ ފޭނުންތަކެއް ތިބި ސްޓޭޓެއް ކަމަށެވެ. އެހެންވެ އެ މީހުންނަށް މިހާރު ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ނިމުމެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ޓޭލާ ބުންޏެވެ.
"އަހަރެން އުންމީދު ކުރަން ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށް ދެވެން ނެތް ފަރާތްތަކުން ވެސް ލޫސިއާނާގެ ރައްޔިތުންނަށް ހެޔޮ ދުއާކޮށް، އެ މީހުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތުން އަރައި ގަތުމަށް އެހީތެރި ވެދޭނެ ކަމަށް،" އޭނާ ބުންޏެވެ.
ލޫސިއާނާގައި ފެން ބޮޑުވި ހާދިސާގައި 40،000 ގެއަށް ގެއްލުންވެ، އެތައް ބަޔަކު ހާލުގައި ޖެހި 11 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.
ހާލުގައި ޖެހުނު މީހުންނަށް ޓޭލާ އެއް މިލިއަން ޑޮލަރު ހަދިޔާ ކުރި އިރު، އޭނާއަކީ މިފަދަ ދީލަތި އެހީތައް ފޯރުކޮށް ދިނުމުގައި ފާހަގަކޮށްލެވޭ ލަވަ ކިއުންތެރިއެކެވެ. ދާދި ފަހުން ޓޭލާ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނުންތަކަކަށް ވެސް 50،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ލަވަ ކިއުންތެރިޔާ ކޭޝާ، 29، އާއި ސޮނީ މިއުޒިކް ރިކޯޑިންއާ ދެމެދު އުފެދުނު ކޯޓް މައްސަލަގަނޑުން އަރައި ގަތުމަށް ޓޭލާ ވަނީ ކޭޝާ އަށް 250،000 ޑޮލަރުގެ އެހީއެއް ވެސް ފޯރުކޮށް ދީފަ އެވެ.