06 ޑިސެމްބަރ 2018 - 11:50

ލަންޑަން (ޑިސެމްބަރު 6) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ހައްޔަރު ކުރުމަށް ފަހު އުޅުނީ ނަފްސާނީ ގޮތުން އަނިޔާ ކުރުމަށް ފަހު ނުކުރާ ކުށަކަށް އެއްބަސް ކުރުވުމަށް ކަމަށް އިނގިރޭސި ވިލާތުގެ ޕީއެޗްޑީ ދަރިވަރު މެތިއު ހެޖަސް ބުނެފި އެވެ.
ޓައިމްސް އޮފް ލަންޑަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހެޖާސް ބުނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި އެއްބަސް ކުރުވުމަށް އޭނާ އަށް ވަރަށް އަނިޔާ ދިން ކަމަށެވެ. މި ގޮތުން އޭނާ ބަންދުގައި ބެހެއްޓި ހަ މަސް ދުވަހު ތެރޭ ނިދިން މަހްރޫމްކޮށް، ގަދަކަމުން ބޭސް ކާންދީފައިވާ ކަމަށް ބުންޏެވެ.
"އެ މީހުންގެ އަނިޔާވެރިކަން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ބޮޑުވަމުން. އަހަރެން ހުރީ ބިރުގަންނުވާފައި. އެ ހުރިހާ ޕްރެޝަރަކާ ހެދި އަހަރެން އެންމެ ފަހުން ބުނިން އާއެކޭ،" ހެޖާސް ބުންޏެވެ.
އޭނާ ބުނީ ތަހުގީގުގެ ވަކި ހިސާބަކުން އޭނާ އަކީ ޔޫއޭއީގެ ޑަބަލް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ވެސް ހުށަހެޅި ކަމަށެވެ. އޭނާ ދިން އަދަބުގެ ވާހަކަ ދައްކަމުން ބުނީ ފައިގެ ކުޑަހުޅުގައި ބިޑިއަޅުވާފައި މުޅި ދުވަހު ބަހައްޓާ ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު 15 ގަޑިއިރު ސުވާލު ކުރާ ކަމަށް ބުންޏެވެ. އަސްކަރީ މަރުކަޒަކަށް ފޮނުވައިގެން އިތުރަށް އަނިޔާ ދޭނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށް ވެސް ހެޖާސް ބުންޏެވެ.
ޔޫއޭއީ އިން ހައްޔަރު ކުރުމުގެ ކުރިން ވެސް ޑިޕްރެޝަނާއި އެންޒައިޓީ ތަހައްމަލު ކުރަން ޖެހުނު ކަމަށާއި ޔޫއޭއީ އިން ޖަލަށްލުމުން އެކަންތައް ބޮޑުވި ކަމަށް ބުންޏެވެ.
ޔޫއޭއީ އިން މައާފް ދިނުމަށް ފަހު ހެޖާސް ލަންޑަނަށް ފޮނުވާލީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދުބާއީ އެއާޕޯޓުން އޭނާ ހައްޔަރު ކުރީ މެއި މަހު އެވެ. ހެޖާސްގެ މައްޗަށް އުމުރު ދުވަހަށް ޖަލަށް ހުކުމް ކުރީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ.
އިނގިރޭސި ވިލާތުން ޕްރެޝަރު ކުރުމުން ޔޫއޭއީ އިން ވަނީ ހެޖާސް ކުށަށް އިއުތިރާފްވާ ވީޑިއޯއެއް ދައްކައިފަ އެވެ.
ހެޖާސް ޔޫއޭއީ އަށް ދިޔައީ އޭނާގެ ޕީއެޗްޑީގެ ދިރާސާ މަސައްކަތަކަށެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެފައި ވަނީ ހެޖާސް ޖާސޫސް ކުރަން އުޅުނުކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
ހެޖާސްގެ އަންހެނުން ޑެނިއަލާ ޓެޖަޑާ ބުނީ ހެޖާސް ހައްޔަރުކުރިތާ ހަ ހަފުތާވީ އިރު ވެސް ފޮރިން އޮފީހުން އެކަން ސިއްރު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ އޮފިޝަލުންނާ އެކު ބައްދަލުވުމެއް ބޭއްވޭ ގޮތްވީ މެދުނުކެނޑި ތިން ހަފުތާ ވަންދެން ކޮންމެ ދުވަހަކު ފޯނު ކޮށްގެން ކަމަށް ބުންޏެވެ.