ފުއާދު ވެސް މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވަނީ
ފުއާދު ވެސް މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ފުއާދު ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ އާންމު އިންތިޚާބުގައި އޭނާ ވާދަކުރައްވާނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ކަމަށެވެ. އެކަމަކު، އޭނާ ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ފުއާދު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނުކުންނަވާއިރު، ރާއްޖޭގެ ސިޔާސީ ދާއިރާގައި ނަން މަޝްހޫރު އިސް ބޭފުޅުންތަކެއް ވެސް ވަނީ އެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަދި މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު މުހައްމަދު ނާޒިމް އަދި ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.