05 ޑިސެމްބަރ 2018 - 19:11

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީ އާއި މީޑިއާ ކައުންސިލް ގުޅިގެން ބާއްވާ މި ޖަލްސާ އޮންނާނީ ދަރުބާރުގޭގަ އެވެ. ޖަލްސާގެ އެންމެ ހާއްސަ ކަމަކަށް އޮންނާނީ ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްއާ ގުޅުވައިގެން، ނޫސްވެރިކަމުގެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމެވެ. އެގޮތުން "އަލިމަސް ޝަރަފު ގަލަން" އާއި "އަލިމަސް ގަލަން" އަދި "ރަން ގަލަން" ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖަލްސާގައި ދެން އޮންނާނީ 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުގެ މިދިޔަ އަހަރުގެ ހައްގުވެރިން ހޮވައި އިނާމް ދިނުމެވެ. އިނާމު ދޭ ދާއިރާތަކަކީ އިޖްތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދު، ކުޅިވަރު، ފީޗާ ލިޔުން، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އެވެ.
މީގެ އިތުރުން، އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާ އާއި ލައިފްޓައިމް އެޗީވްމަންޓަށް ދޭ ހަޔާތީ އަރުތައިގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ނޫސްވެރިކަން ފެށުނު ތާރީޚުގެ ގޮތުގައި ރަސްމީ ފަރާތްތަކުން ބަލަނީ ރާއްޖޭގައި ނެރުނު ފުރަތަމަ ނޫސް "ސަރުކާރުގެ ޚަބަރު" ނެރުނު ދުވަސް ކަމަށްވާ ޖޫން 5، 1943 އެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުން 1993 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ނޫސްވެރިކަމުގެ ޚިދުމަތްތެރިންނަށް "ރަން ގަލަން" އަދި "ރިހި ގަލަން" ގެ ޝަރަފު ވަނީ ދީފަ އެވެ.