05 ޑިސެމްބަރ 2018 - 13:55

އެމްއެންޑީއެފުން ބުނީ، އިތުރަށް މިރޭ ވާރޭ ނުވެހޭ ނަމަ، ފެން ހިންދުމުގެ އޮޕަރޭޝަން ދެ ގަޑިއިރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް.

ފެންބޮޑުވެ، ގެތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނޭ.

ޑިޒާސްޓަ މެނޭޖަމަންޓް ސެންޓަރުން ބުނީ، ހާލުގައި ޖެހިފައިވާ ދެ އާއިލާއެއް ކަލާފާނު ސްކޫލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް.

އެމްއެންޑީއެފްގެ ކާނަލް ޒުހުރީ: ކުރިއަށް އޮތް 30 މިނިޓުގެ ތެރޭގައި، މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދައި އާންމު ހާލަތަކަށް ގެނެވޭނެ. މިހާރު ފެންގަނޑު އެންމެ ބޮޑީ އައިޖީއެމްއެޗު ސަރަހައްދުގައި.

ހާލުގައި ޖެހުނު އިތުރު އާއިލާތަކެއްގެ ބަޔަކު ކަލާފާނަށް ގެންގޮސްފި. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ. ޑިޒާސްޓަ ސެންޓަރުން ކުރިން ބުނެފައި ވަނީ ކައްކައި، ކައިބޮއެ އުޅެން ދަތިވާ ވަރަށް 20 ގެ އަކަށް ފެން ވަދެފައިވާ ކަމަށް.

ޑިޒާސްޓަ ސެންޓަރުން ބުނީ، ކައްކައި، ކައިބޮއެ އުޅެން ދަތިވާ ވަރަށް 20 ގެ އަކަށް ފެން ވަދެފައިވާ ކަމަށް. އެކަމަކު، ކަލާފާނު ސްކޫލަށް ބަދަލުވާކަށް އެ ގެތަކުގެ މީހުން އެއްބަސް ނުވާ ކަމަށް ޑިޒާސްޓަ ސެންޓަރުން ބުނި.

ސްކައުޓް ކޯޑިނޭޓަރު: ކަލާފާނު ސްކޫލްގައި މިހާރު ބަލަހައްޓަމުންދާ އާއިލާގެ އެންމެންގެ ހާލު ވެސް ރަނގަޅު. އެ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖައްސައި ދީފައި.

ގޭގެއިން ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސްކައުންޓުންނާއި ގާލްގައިޑުންނާއި ރެޑް ކްރެސެންޓުގެ އޮފިޝަލުން އަންނަނީ ހަރަކާތްތެރިވަމުން.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ 138 ގެ އަކަށް ފެން ވަދެފައިވާ ކަމަށާއި އެ ގެ ތަކުން ފެން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް. ހަތްދިހަ ފަސް ގެ އަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު، އޭގެ ތެރެއިން 34 ގެ އެއްގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ޑިޒާސްޓަ ސެންޓަރުން ބުނީ. ބާކީ ގެތަކުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަ ހިސާން ހުސައިން ވިދާޅުވީ، ހާލުގައި ޖެހުމުގެ ސަބަބުން ސަރުކާރުން މިހާރު ބަލަހައްޓަނީ އެއް އާއިލާ ކަމަށް. ހަތަރު މީހުންގެ އާއިލާ ބަލަހައްޓަމުން އަންނަނީ ކަލާފާނު ސްކޫލެއްގެ ކްލާސްރޫމެއްގައި. އެއީ ތިން ކުޑަކުއްޖަކާއި ބޮޑު އަންހެނެއް ކަމަށް ހިސާން ވިދާޅުވި.

މި ކާރިސާގެ ކަންކަމަށް ވަގުތުން އެޓެންޑު ވުމަށް ކަލާފާނު ސްކޫލްގައި ގާއިމް ކޮށްފައިވާ ސެންޓަރަށް ވަޑައިގެން ރައީސް މީޑިއާގައި ވިދާޅުވީ، ސިފައިންނާއި ފުލުހުން އަދި ވަޒީރުން ވެސް ސަމާލުވެ، ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް. އަދި ވިދާޅުވީ، ވާރޭ ނުވެހި ދެ ގަޑިއިރެއްހާއިރު ވެއްޖެ ނަމަ މަގުތަކުން ފެން ހިއްކައި ލެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ މީޑިއާގައި ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ މިއަދު ހައްލުކުރަން އެންމެ ބޮޑަށް ދަތިވީ، ފެން ހިއްކުމަށް ބޭނުންކުރާ މެކޭނިކަލް ޕަމްޕުތައް ހަލާުކުވެފައި ހުރުމުން ކަމަށް ސިފައިންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް. އެކަމަކު، މިހާރު 14 ތަނެއްގައި ޕަމްޕުތައް ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި. އެމަނިކުފާނު ވިދާޅުވިގޮތުގައި ފެން ބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް އަސަރު ކޮށްފައިވާ ކަމަށް މިހާތަނަށް ވަނީ އެނގިވަޑައިގެންފައި. އޭގެ ތެރެއިން އެއް އާއިލާ ސަރުކާރުން އަންނަނީ ބަލަހައްޓަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގެއްލުންވި އާއިލާތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި. "މެޓުން މައުލޫމާތު ދޭ ގޮތުގައި މިރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އަނެއްކާ ވެސް ވާރޭ ވެހެނޭ ކަމަށް އަންދާޒާ ކުރޭ. ހަމަ އެއާ އެކު ދަންވަރު 2-6 އާ ދެމެދުގައި ވެސް ވާރޭ ވެހޭނެ ކަމަށް ފޯކާސްޓުން ދައްކާ. އެހެންވީމާ އެ އަށް ސަމާލުވުމަކީ މުހިންމު ކަމެއް،" ރައީސް ވިދާޅުވި.

މާލެއަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި، މުޅި ސިޓީގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ، ބައެއް ތަންތަނަށް ގެއްލުން ވެފައިވާތީ، އެކަމުގެ މައުލޫމާތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކަލާފާނު ސްކޫލްގައި ގާއިމްކޮށްފައިވާ ސެންޓަރަށް ވަޑައިގެންފި. ބައެއް ވަޒީރުންނާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް އެ ސެންޓަރުގައި މިހާރު ގެންދަވަނީ ރައީސަށް މައުލޫމާތުތައް އަރުވަމުން.

ފުލުހުންގެ މެސެޖް: މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމުގެ ރިޕޯޓުތައް ލިބެމުންދާތީ، އެކަން ބަލަމުންދާ ވާހަކަ ދަންނަވަން. އަދި މިކަމަށް ސަމާލުވުމަށާއި މިފަދަ ކަމެއް ފާހަގަ ކުރެވޭ ނަމަ ސްޓެލްކޯގެ 104 އަށް ރިޕޯޓު ކުރުމަށް ދަންނަވަން.

ހއ. އާއި ވ. އަތޮޅާ ދެމެދު ރަށްތަކަށް، މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި. މިއަދު ހަވީރު 5:00 އިން މިރޭ 11:00 އަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓުން ބުނޭ.

ޑިޒާސްޓާ ސެންޓަރު: ދެ ގެއަކުން މީހުން ނެރެ އެ މީހުން ބަލަހައްޓަމުން އެބަ ގެންދަން. މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށަށް ވެސް ބޯކޮށް ވާރޭ ވެހޭތީ އެ ރަށްރަށުގެ ހާލަތު ވެސް އަންނަނީ ބަލަހައްޓަމުން.

އެމްއެންޑީއެފް: ކުރިއަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި މަގުތަކުން ހިނގާލެވޭ ވަރަށް ފެން ހިއްކޭނެ

އެމްއެންޑީއެފް: ސިފައިންގެ ހުރިހާ އެންމެން ވެސް މި އޮޕަރޭޝަންގައި ބައިވެރިވޭ. މި ވަގުތު އެންމެ ބޮޑަށް ސިފައިން ހަރަކާތްތެރިވަނީ އަމީނީ މަގުގައި. މީގެ އިތުރުން އައިޖީއެމްއެޗު ސަރަހައްދުގައި ޕަމްޕްތައް ވެސް ވަނީ ޖަހާފައި.

މާރިޔާ: މާލޭގައި އެމްޑީއެފް އޮތީ ފުލް އެލާޓްގައި

މާރިޔާ: 149 މިލި މީޓަރުގެ ވާރޭ މިއަދު ވެހިއްޖެ. ޓީވީ މޯލްޑިވްސްގެ މަސައްކަތް ހުއްޓުމަކަށް އައުމުންް އެހީތެރިވެދީފައިވޭ. ފުށް ގުދަން ބަލަހައްޓަމުން އެބަދޭ. ގެއަކުން މީހުން ނެރެން ޖެހޭ ހާލަތަކަށް ވެސް ވަނީ ގޮސްފައި.

ޑިފެންސް މިނިސްޓަރު މާރިޔާގެ ޕްރެސް ކޮންފަރެންސް: މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފުން އެ ދަނީ ހަރަކާތްތެރި ވަމުން

ޑިޒާސްޓާ މެނޭޖްމަަންް ސެންޓަރުން ދެންމެ ބުނީ ކޯޑިނޭޝަން ސެންޓަރެއް އުފައްދައިފައިވާ ކަމަށާއި ސަލާމަތީ ބާރުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލަން އެ މައުލޫމާތުތައް ނަގަމުން ގެންދާ ކަމަށް އެތަނުން ބުނި.

މާލޭގެ މާފަންނުކޮޅުގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައިވާ ކަމަށާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން، ނެޝެނަލް ޑިޒާސްޓާގައި ހާއްސަ ޑެސްކެއް ހަދައިގެން މަސައްކަތްތައް ކުރަމުންް އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި. އެތަނުން ބުނީ އެމްޑަބްލިޔުއެސްސީގެ ހުރިހާ ޕަމްޕުތަކެއް ވެސް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހޭތީ ޕަމްޕްތަކުން ވެސް ހައްލެއް ނުލިބޭ ކަމަށް އެތަނުން ބުނޭ.

މެދުނުކެނޑި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ވާރޭ ވެހުމަށް ފަހު މާލެ އަށް މިހާރު ވަނީ ވާރޭ ތުނިކޮށްލައިފައި.

މާލޭގެ ގެއަށާއި ފިހާރަތަކަށް ފެންގަނޑު ވަންނާތީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނޭ. މި މަސައްކަތުގައި ސިފައިން ވެސް ހަރަކާތްތެރިވަމުން ދޭ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެކަން ވަރަށް ގާތުން ބަލައި، ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރެޑް ކްރެސެންޓުން ބުނެފި

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިާ ކަމަށާއި އެކަން ހައްލު ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފި. ކަރަންޓްގެ ހިދުމަތް ނުލިބޭ ގެއެއް ނަމަ 104 އަށް ގުޅުމުން ގެއަކަށް ގޮސް އެކަން ހައްލު ކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނޭ

ބޯކޮށް ވާރޭ ވެހޭތީ، ޓެކްސީތައް ޕާކު ކޮށްފައި ނުބާއްވައި އާންމު ހިދުމަތަށް ނުކުތުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގޮވާލައްވައިފި

ހުޅުލޭ އެއާޕޯޓްގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި. އެހެން ނަމަވެސް ޝެޑިއުލް އަށް ބަދަލެއް ނުގެނެސް މެނޭޖް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލުން ބުނޭ

މިހާރު ކުރަމުންދާ ވިއްސާރައިގައި ޕީއެސްއެމްގެ ޓީވީ ޗެނަލްތައް ހިންގާ އިމާރާތްތަކަށް ގެއްލުންތައް ލިބެމުންދާތީ ޓީވީގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް ޕީއެސްއެމުން ބުނެފި

މިއަދު ބޯކޮށް ވާރޭ ވެހި އެތައް ބަޔަކަށް ލިބުނު ގެއްލުން ބަލަނީ ގައުމީ ކާރިސާއެއްގެ ގޮތުގައި ކަމަށާއި ސިފައިން ނުކުމެ ފެން ހިއްކައި، އާންމުންނަށް އެހީވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެންމެ ވިދާޅުވެއްޖެ
ބައެއް ފިހާރަތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެ ގޮތުން ރެއިންބޯ ޗާންދަނީ މަގާއި އަލިކިލެފާނު މަގުގައި ހުންނަ ފިހާރަ އަށް ފެންގަނޑު ވަދެ ބައެް ފަރުނީޗަަށް ވަނީ ގެއްލުންވެފައި. މީގެ އިތުރުން މަޖީދީ މަގުގައި ހުރި ބައެއް ފިހާރަތަކަށް ވެސް ފެންގަނޑު ވަދެ ވަރަށް ގިނަ އަދަދެެއްގެ މުދަލަށް ގެއްލުން ވެފައިވޭ
ތިން ވަނަ ޑިވިޝަންގައި މިއަދު ކުޅެން ހަަމަޖެހިފައިވާ ދެ މެޗު، މޫސުން ގޯސްވެގެން ކެންސަލްކޮށްފި
މެޓުން ބުނާ ގޮތުން ބޯކޮށް ވާރޭ ވެހުނަސް މޫސުން މުޅިން ގޯހެއް ނޫން. އެ ފަރާތުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގޮތުން މިއަދު ހެނދުނު 8 އިން މެންދުރު ފަހު 2 އާ ހަމައަށް މާލެ އަށް ވެހިފައި ވަނީ 140 މިލި މީޓަރުގެ ވާރޭ. މުޅި ރާއްޖޭގެ ތާރީހަށް ބަލާއިރު މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ނޮވެމްބަރު 24، 2015 ގައި ސ. ގަމަށް. އެއީ 228 މިލި މީޓަރުގެ ވާރޭ.
މިއީ ފަހުގެ ތާރީހެއްގައި މިހާ ބޯކޮށް މެދުނުކެނޑި ވާރޭ ވެހުނު ފުރަތަމަ ފަހަރު. މާލޭގެ ހުރިހާ މަގެއްހެން ވަނީ ފެނު އަޑީގައި. ބައެއް ސަރަހައްދުތަކުގައި މިހާރު ތިން ހަތަރު ފޫޓަށް ވަނީ ފެންގަނޑު ބޮޑުވެފައި. އޭގެ ސަބަބުން ބައެއް ގޭގެ އަށާއި ފިހާރަތަކަށް ފެން ވަދެ ބައެއް މުދަަލަށް ވަނީ ގެއްލުން ވެފައި. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ފެންގަނޑާ އެކު ބައެއް ސައިކަލްތައް ވެސް އޮޔާ ދަމުން.
މާލޭގެ ބައެއް ގޭގެ އަށާއި އޮފީސްތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ރިކޯޑު މިންވަރަކަށް، މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ މި ވާރޭގައި ފެންބޮޑުވެ ބައެއް ޚިދުމަތްތައް ވެސް ވަނީ ހުއްޓިފައި.
ވީމީޑިއާ ހިންގާ އިމާރާތަށް ފެން ވަދެ، ބައެއް އިކުއިޕްމަންޓްތަކަށް ގެއްލުން ވެފައި ވާތީ، ވީޓީވީ އާއި ވީއެމްގެ ޚިދުމަތް މިވަގުތަށް މެދުކަނޑާލައިފި.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މަގުތަކުގައި ފެންބޮޑުވެ، މަގުތަކުގައި ޕާކް ކޮށްފައިވާ ބައެއް ސައިކަލްތައް ވެއްޓިފައިވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް.
މިއަދު ހެނދުނުއްސުރެ ފެށިގެން މާލެއަށް ވެހެމުންދާ ބޯ ވާރޭގައި، ގިނަ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، ހިނގައިބިނގައި އުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ހެނދުނު 11 ޖަހާކަންހާއިރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގަައި އައިޖީއެމްއެޗް ސަރަހައްދާއި އަމީނީމަގު އަދި ހަވީރީހިނގުމުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގުގައި ތާރު އަޅައިގެން އަލަށް ހެދި ބައިގައި ވެސް ވަނީ ފެން ބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވެފަ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓެއްހާ ވަރަށް ފެން ވަނީ ބޮޑުވެފަ އެވެ.
މި ވާރޭގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ވެސް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެހެންވެ ބައެއް ގޭގެ އާއި ފިހާރަތަކާއި ހޮޓާތަކުގެ ބޭރުގައި ވަނީ ބަސްތާ ޖަހައި ފެން ނުވަދެވޭ ގޮތަށް ހަދައިފަ އެވެ.
އެމްއެންޑީއެފުން ބުނީ، މަގުތަކުން ފެން ހިންދުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބޮޑުތަކުރުފާނުމަހުގައި ތާރު އެޅި ސަރަހައްދުން ކަމަށެވެ.
"ފެން ހިންދާ ވަޅުގަނޑު ފުރިފައި ހުރީ. އެހެންވެ އަމީނީމަގުން ފެން ހިނދޭނެ ގޮތެއް މިވަގުތަކު ނެތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ގުގުރުމާ އެކު، މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް މި ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ ކ. އަތޮޅާއި އ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރެފަ އެެވެ. އަދި ހއ އަތޮޅާއި އ. އަތޮޅުގެ ދެމެދަށް ވައިޓް އެލާޓެއް ވެސް ނެރެފައި ވެ އެވެ.
މާލޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. އަދި އެއާޕޯޓުގެ ޑިއުޓީ ފްރީ ސަރަހައްދާއި ފުޑް ކޯޓުގެ ބައެއް ހިސާބު ތަކުން ދަނީ ފެން ފައިބަމުންނެވެ. އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.