05 ޑިސެމްބަރ 2018 - 11:32

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ. އިން އިންތިޒާމް ކޮށްގެން ބާއްވާ ކޮންފަރެސްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޕޮލެންޑަށް ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް އެހެން ބޭފުޅުންނެވެ.
ކޮންފަރެންސް އޮފް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް24) ގައި ތަގުރީރު ކުރެއްވުމަށް ނަޝީދު ފުރާވަޑައިގެންނެވި،އިރު އެ ކޮންފަރެންސް ފެށިގެން މިހާރު ވަނީ ފަށައިފަ އެވެ.
ކޮޕް24 ގައި ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.
ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އޮތް ކޮޕް15 ސަމިޓްގައި ތަގުރީރު ކުރައްވައި ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފަ އެވެ. އެ ފަހަރުގެ ސަމިޓްގައި ނަޝީދަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިވަޑައިގަތީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ބޭއްވި ކަނޑު އަޑީގެ ކެބިނެޓް ބައްދަލުވުމުގެ ސަބަބުންނެވެ.
ކޮޕް24 ސަމިޓް މި ފަހަރު ޕޮލެންޑްގައި ބާއްވާ އިރު ދުނިޔޭގެ ސަމާލުކަން ހޯދުމުގެ ކަމެއް ވެސް ހިމެނެ އެވެ. އެގޮތުން މި ފަހަރުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ޕޮލެންޑްގައި އެންމެ ގިނައިން ބޯޓްދެލި ނަގާ ރަށުގައި ބޯޓްދެލި ނަގާ މައިންތަކުގެ މަތީގަ އެވެ. ޕޮލެންޑްގެ ސިލީސިއާ ނަމަކަށް ކިޔާ ސަރަަހައްދުގެ މެދުގައިވާ ކަޓޮވިސްގައި އެ ކޮންފަރެންސް ބާއްވާއިރު އެ ސަރަހައްދަކީ ބޯޓް ދެލި ނެގުމުގެ މަސައްކަތްކުރާ 90،000 މީހުން ދިރިއުޅޭ ސަރަހައްދެކެވެ.