07 ޑިސެމްބަރ 2018 - 09:12

ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކު މީގެ ކުރިން "މުބާރަކަން" އާއި "ނޯ އެންޓްރީ" އަދި "ވެލްކަމް"ގެ ދެ ފިލްމުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު އަނިލް ކަޕޫރު، އަނީސްގެ އާ ފިލްމަށް ވެސް ސޮއިކޮށްފި އެވެ.
މި ފަހަރު ވެސް އޭނާ ލިޔެ، ޑައިރެކްޓް ކުރަން ނިންމާފައި ވަނީ ކޮމެޑީއެކެވެ. ކުރިން މި ފިލްމުގެ ނަމަކީ "ސާޅޭ ސާތީ" ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ފިލްމަށް ދީފައިވާ ނަމަކީ "ޕާގަލްޕަންތީ" ކަން އަނީސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. މި ފިލްމަށް ސޮއި ކުރުމަށް ފަހު، އަނިލް ވަނީ އަނެއްކާވެސް އަނީސްއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން އެކަން ޓްވިޓާގައި ފާހަގަކޮށްފަ އެވެ.
އަނިލް މި ފިލްމަށް ސޮއި ކުރި އިރު، މީގެ ކުރިން ޖޯން އަބްރަހަމް އާއި އިލިއާނާ ޑި ކްރޫޒް ވެސް ވަނީ "ޕާގަލްޕަންތީ" އަށް ސޮއިކޮށްފަ އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން އަރުޝަދު ވަރުވީ ވެސް ފެނިގެން ދާނެ އެވެ.
އަންނަ ޖެނުއަރީ މަހުގެ ތެރޭގައި "ޕާގަލްޕަންތީ" ގެ ޝޫޓިން ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާނީ ލަންޑަނުގަ އެވެ. އަނީސް މިހާރު ވަނީ ފިލްމުގެ ޝޫޓް ކުރާނެ ލޮކޭޝަންތައް ވެސް ބަލައިފަ އެވެ. ބޮލީވުޑް ލައިފުން ބުނި ގޮތުގައި ލަންޑަނުގައި ޝޫޓިން ފަށާ ގޮތަށް 50 ދުވަހުގެ ތެރޭގައި "ޕާގަލްޕަންތީ" ގެ މަސައްކަތް ނިންމައިލާނެ އެވެ.
އިންޑިއާ އަށް 2016 ގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި އަސްކަރިއްޔާގެ ގިނަ އޮފިސަރުންތަކެއް މަރުވި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ޔޫރީ" ގެ މައިގަނޑު ކާސްޓުންނަކީ ވިކީ ކޯޝަލް، ޔަމީ ގޯތަމް، ކިރިތީ ކުލްހާރީ އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ އެވެ.
"ޔޫރީ" ވެގެން ދާނީ ޒުވާން ދެ ތަރިން ކަމަށްވާ ވިކީ އާއި ޔަމީގެ ޖޯޑު ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
އިންޑިއާގެ ފިލްމުތަކަށް މިހާރު ބޮޑު މާކެޓެއް އޮންނަ ޗައިނާގައި ރަޖްނީކާންތު ސައިންސް ފިކްޝަން ފިލްމު "2.0" ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމު ޗައިނާގައި ރިލީޒް ކުރާނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ. "2.0" ގެ ޕްރޮޑަކްޝަން ޓީމް ލައިކާ އިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ 56،000 ސިނަމާއެއްގައި ފިލްމު ދައްކަން ނިންމާފައިވާ އިރު، އޭގެ ތެރެއިން 47،000 ސިނަމާގައި ފިލްމު ދައްކާނީ 3ޑީ ފޯމެޓްގައި ކަމަށެވެ.
އެސް ޝަންކަރު ޑައިރެކްޓްކޮށްފައިވާ "2.0" ގެ ލީޑް ރީޑް ރޯލް ކުޅެފައި ވަނީ ރަޖުނީކާންތުގެ އިތުރުން އަކްޝޭ ކުމާރާއި އެމީ ޖެކްސަން އެވެ. މި ފިލްމު އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ބުދަ ދުވަހާ ހަމައަށް ވަނީ 451 ކްރޯޑް ރުޕީސް ލިބިފަ އެވެ. މި ފިލްމު ހަދަން 543 ކްރޯޑް ހަރަދުކޮށްފައިވެ އެވެ.
މި މަހުގެ އެއް ވަނަ ދުވަހު އިންޑިއާގައި ކައިވެނި ކުރި ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާގެ ފޮޓޯތަކާއި އެ ހަފުލާގެ އެކްސްކްލޫސިވް އިންޓަވިއު މަޝްހޫރު މަޖައްލާ ޕީޕަލް އަށް ދީފި އެވެ.
ޕީޕަލް އިން މިހާރު ވަނީ ޕްރިޔަންކާ އާއި ނިކް ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯއަކާ އެކު، މަޖައްލާގެ މި މަހުގެ އަދަދު ވެސް ދައްކާލައިފަ އެވެ.
މި އަދަދު ނެރޭނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ޖޯދުޕޫރްގައި މި މަހުގެ ފުރަތަމަ ދުވަހު ކްރިސްޓިއަނުންގެ އާދަކާދަތަކާ އެއްގޮތަށް ކައިވެނީގެ ހަފުލާ ބޭއްވުމަށް ފަހު، ދެވަނަ ދުވަހު ވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ކައިވެނީގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.
ފުރަތަމަ ހަފުލާގައި ޕްރިޔަންކާ އާއި ނިކް ބޭނުން ކުރީ ރަލްފް ލޯރެންގެ ފަރުމާތަކެކެވެ. އެއީ ހުދު ކުލައިގެ ގައުންއަކާއި ނިކްގެ ކަޅާއި ހުދުގެ ޓަކްސެޑޯ އެވެ. ދެވަނަ ހަފުލާގައި ބޭނުން ކުރީ ސަބިއާސާޗީ މުކަރްޖީ ފަރުމާކޮށްފައިވާ ރަތާއި ކްރީމް ކުލައިގެ ހެދުމެވެ.