05 ޑިސެމްބަރ 2018 - 07:27

ހަށިގަނޑުގައި ކެންސަރު ސެލް ހުރިތޯ ދެނެގަންނާނެ ވަރަށް އާދައިގެ އަގުހެޔޮ ޓެސްޓެއް ސައިންސްވެރިން އީޖާދުކޮށްފި އެވެ.
ކުލަ ބަދަލުވާ ދިޔާއެއްޗެއް ބޭނުންކުރާ މި ޓެސްޓުގައި، އޭތި ގައިގައި އުނގުޅާލުމުން، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ކެންސަރު ހުރިތޯ ދެނެގަންނަން ނަގާނީ އެންމެ 10 މިނިޓެވެ. އަދިވެސް ތަރައްގީކުރަމުން އަންނަ މި ޓެސްޓުގެ ސަބަބުން، ކެންސަރަށް ސްކްރީންކުރުން ބަލިމީހުންނަށާއި ޑޮކްޓަރުންނަށް ވެސް ވަރަށް ފަސޭހަވެގެންދާނެ އެވެ.
މި ޓެސްޓުން ކެންސަރުގެ ކޮންމެ 100 ކޭސްއަކުން 90 ކޭސް ދެނެގަނެވޭނެ ކަމަށް ބެލެވެ އެވެ. އެއީ އެންމެ ފުރަތަމަ ސްކްރީނިން އެވެ. ޖެހިފައި ވަނީ ކޮން ބާވަތެއްގެ ކެންސަރެއްތޯ އާއި ބަލިމީހާ ހުރީ ކެންސަރުގެ ކޮން ސްޓޭޖެއްތޯ ބަލަން އިތުރު ޓެސްޓްތައް ޑޮކްޓަރުން ހަދަން ޖެހޭނެ އެވެ.
ޔުނިވާސިޓީ އޮފް ކުއީންސްލޭންޑްގެ ޓީމަކަށް މި ޓެސްޓް އުފެއްދުނީ އެ މީހުން ހޯދި ހޯދުމަކާ ގުޅިގެންނެވެ. އެ ޓީމުން ހޯދާފައިވާ ގޮތުގައި ކެންސަރު ސެލްތަކުގެ ޑީއެންއޭ އާއި އާދައިގެ ސެލްތަކުގެ ޑީއެންއޭ، މައުދަން ހުންނަ ތަންތަނުގައި ތަތްވަނީ ވަރަށް ތަފާތު ދެ ގޮތަކަށެވެ. ލޭގައި ކިރިޔަކިރިޔާ އެކުލެވޭ ޑީއެންއޭ އިން ވެސް، ކެންސަރު ސެލްތަކާއި ދުޅަހެޔޮ ސެލްތައް ވަކިކޮށްދޭނެ ގޮތެއް އެ ޓީމުން އީޖާދުކުރީ އެ ހޯދުމަށް ބިނާކޮށެވެ.
ކުއީންސްލޭންޑް ޔުނިވާސިޓީގެ ކެމިސްޓްރީ ޕްރޮފެސަރެއް ކަމަށްވާ މެޓް ޓްރޯ އިސްކޮށް ހުންނަވައިގެން ރިސާޗަރުން ވަނީ 200 ކެންސަރު ސާމްޕަލް އާއި ދުޅަހެޔޮ ޑީއެންއޭ ޓެސްޓުކޮށްފަ އެވެ. އެ ދިރާސާ ހެދި ގޮތް ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.
ޓްރޯ ވިދާޅުވިގޮތުގައި މި ޓެސްޓަކީ ބޭނުންކުރަން އުނދަގޫ ލެބޯޓްރީ އިކުއިޕްމެންޓެއް ބޭނުން ނުވާ، ފަސޭހަ އިން ހޯދޭނެ އަގުހެޔޮ ޓެކްނޮލޮޖީއަކަށް ވާނެ އެވެ.
ޑޮކްޓަރުން މިހާރު ކެންސަރު ހުރިތޯ ދެނެގަންނަނީ ޝައްކުކުރެވޭ ޓިއުމަރަކުން ޓިޝޫ ނަގައި ބަޔޮޕްސީ ހަދައިގެންނެވެ. އެކަމަށްޓަކައި ބަަލިމީހާގެ ގައިން ސާމްޕަލެއް ނަގަން ޖެހުމުގެ އިތުރުން ޓެސްޓް ހެދުން ބިނާވެފައި އޮންނަނީ ލަމްޕެއް ހުރިކަން ބަލީމިހާ އަށް އެނގުން ނުވަތަ ޑޮކްޓަރަކަށް ކެންސަރުގެ އަލާމާތްތަކެއް ފާހަގަކުރެވުމުގެ މައްޗަށެވެ. ބަލިމީހާ އަށް މާ ބޮޑަށް އުނދަގޫ ނުކޮށް އަދި ކުރީކޮޅު ބަލި ދެނެގަނެވޭ ޓެސްޓެއްގެ ސަބަބުން ކެންސަރަށް ސްކްރީންކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.
މި ޓެސްޓް އީޖާދުކުރި ސައިންސްވެރިން މިހާރު އަންނަނީ މިހާތަށް އެ މީހުން ޓެސްޓުކުރި މީހުންނަށް ވުރެ ފުޅާދާއިރާއެއްގައި، ކެންސަރުގެ ތަފާތު ބާވަތްތައް ހުރި ބަލިމީހުން ބައިވެރިކޮށްގެން ކްލިނިކަލް ޓްރަޔަލްތައް ހަދަން މަސައްކަތްކުރަމުންނެވެ.--ދަ ގާޑިއަން