05 ޑިސެމްބަރ 2018 - 12:11

މެކްސިކޯ ސިޓީ (ޑިސެމްބަރު 5) - މެކްސިކޯގެ ރައީސް އަށް ލިބިވަޑައިގަންނަވާ ރިޔާސީ އިމްތިޔާޒްތައް ދޫކޮށްލައްވަން ނިންމަވައިފި އެވެ.

އާ ރައީސް އަންދުރޭސް މެނުއަލް ލޮޕޭޒް ވިދާޅުވީ ކުށެއް ކޮށްފި ނަމަ އާދައިގެ ރައްޔިތެކޭ އެއްގޮތަށް ރައީސްގެ މައްޗަށް ވެސް ދައުވާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލް ވަރަށް އަވަހަށް ކޮންގްރެސް އަށް ފޮނުވާނެ ކަމަށެވެ.
"ގާނޫނު އަސާސީން ލިބިދީފައިވާ އިމްތިޔާޒްތައް އަޅުގަނޑު ދޫކޮށްލަން ވަނީ ނިންމާފައި. ދެން މީގެ ފަހުން އާދައިގެ ރައްޔިތެކޭ އެއްފަދައިން ރައީސްގެ މައްޗަށް ވެސް ވެރިކަމުގައި ހުންނަވާ އިރު ވެސް ދައުވާ ކުރެވޭނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޮޕޭޒް ވިދާޅުވި އެވެ.
ލޮޕޭޒް ވަނީ އޭނާގެ މުސާރަ ވެސް 60 ޕަސެންޓް ކުޑަ ކޮށްފަ އެވެ. މީގެ އިތުރުން ރިޔާސީ ޖެޓް ބޭނުން ނުކުރެއްވުމަށާއި ރިޔާސީ ގަނޑުވަރުގައި ދިރިނޫޅުއްވުމަށް ވަނީ ނިންމަވައިފަ އެވެ. މި ހުރިހާ ކަމެއް ވެސް ކުރައްވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
މެކްސިކޯގެ ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ރައީސްގެ މައްޗަށް ދައުވާ ކުރެވޭނީ ވަރަށް ބޮޑެތި މައްސަލަތަކުގަ އެވެ. އޭގެ ތެރޭގައި ގައުމަށް ޣައްދާރުވުން ފަދަ ކަންކަން ހިމެނެ އެވެ.
ލޮޕޭޒްް، 65، ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ވަނީ ގައުމުން ކޮރަޕްޝަން ނައްތާލައި އިންގިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.