04 ޑިސެމްބަރ 2018 - 16:06

ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވައިދު ކުރިން އޮންނަ ގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ފެށިގެން އެންމެ ލަސްވެގެން މެންދަމު 12 ޖަހަން ދެންނެވެ.
އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެ އެވެ. އެކަމަކު އެއީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ޕެޓްރޯލާއި ޑީސަލް 24 ގަޑިއިރު ވިއްކޭ ގޮތަށް ގަވާއިދު އިސްލާހު ކުރިއިރު، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ވެސް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭނެ ކަމަށް މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އެފަދަ ތަންތަނަށް އެ ހުއްދަ އަދި ނުދެ އެވެ.