17 އޯގަސްޓް 2016 - 11:47

ކުއާލަ ލަމްޕޫރު (އޮގަސްޓް 17) - މެލޭޝިއާގެ ބޭރުން ދަތުރުކުރަމުން ދިޔަ އެ ގައުމުގެ ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްގެން އިންޑޮނީޝިއާގެ ސަރަހައްދަށް ވައްދާފައިވާ ކަމަށް މެލޭޝިއާގެ މެރިޓައިމް އޮފިޝަލުން ބުނެފި އެވެ.
ނުވަ ލައްކަ ލިޓަރުގެ ޑީސަލް ހިފައިގެން ދަތުރުކުރި އެމްޓީ ވަޔާ ހާމޮނީ ހައިޖެކްކުރި އިރު އެ ޓޭންކަރު ދަތުރު ކުރަމުން ދިޔައީ މެލޭޝިއާގެ ތަންޖުން ޕެލެޕާސް ބަނދަރުންނެވެ. މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީ (އެމްއެމްއީއޭ) ގެ ޑިރެކްޓަރު އަހުމަދު ޕުޒީ އަބް ކާހަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޭންކަރު މިހާރު ވައްދާފައިވާ ކަމަށް ބެލެވެނީ އިންޑޮނީޝިއާގެ ރަށެއް ކަމަށްވާ ބާތަމްގެ ސަރަހައްދަށް ކަމަށެވެ.
ޓޭންކަރުގައި ހުރި ކާގޯގެ އަގު 1.57 މިލިއަން ރިންގިޓް (392،795 ޑޮލަރު) އަށް އަރަ އެވެ. ބޯޓު ހައިޖެކްކުރީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.