ކުރީގެ ލޯބިވެރިޔަކާ ބައްދަލުވުމުން ވަނީ ކިހިނެއް؟
ކުރީގެ ލޯބިވެރިޔަކާ ބައްދަލުވުމުން ވަނީ ކިހިނެއް؟

ބައެއް ފަހަރަށް، ވަރަށް ލޯބިވެގެން އުޅޭ ދެ ލޯބިވެރިންނަށް ވެސް ހާލަތު ނިޔާ ކުރާ ގޮތަކުން ވަކިވާން ޖެހެ އެވެ. ވަރަށް ލޯބިވެގެން އުޅުނު ކުއްޖަކާ ކުއްލިއަކަށް ވަކިވާން ޖެހުނު ގޮތް ހަނދާން ވުމުން ހިތަށް ވަރަށް އަސަރުކުރާނެ އެވެ. މިފަދަ ހަނދާންތައް އެމީހެއްގެ ހިތުގައި ހުންނާނީ އުފާވެރި ހަނދާންތަކެއްގެ ގޮތުގައެއް ނޫނެވެ.

ކިތަންމެ ލޯބިވެގެން އުޅުނަސް ހުރިހާ ފަހަރަކު އެ ގުޅުމެއް އުފާވެރިކަމާ އެކު ގިނަ ދުވަހަކަށް ދަމަހައްޓަން ދަތިވެ އެވެ. އަދި ކޮންމެހެން ފުރަތަމަ ލޯބިވެރިޔާއާ އެކު މުޅި އުމުރަށް އުޅޭކަށް މަޖުބޫރެއް ވެސް ނޫނެވެ. ބައެއް ފަހަރަށް ލޯބިވެރިޔާއާ ވަކިވާން ޖެހުން އެއީ ތަގްދީރެވެ. އަނެއްބައި ފަހަރަށް އެވަގުތު ހާލަތު ނިޔާކުރި ގޮތެވެ.

ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ދެ މީހެއްގެ އޮންނަ ގުޅުން ކެނޑުމުން އެ ދެމީހުންގެ މެދުގައި ކޮންމެވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް ގިނަ ފަހަރަށް އުފެދެ އެވެ. އަދި އެކަކު އަނެކަކާ ކުރިމަތިލާކަށް ބޭނުމެއް ނުވެ އެވެ. މިފަދަ މީހުންނަށް ނޭނގި ތިއްބާ ކުއްލިއަކަށް ބައްދަލުވެވިއްޖެ ނަމަ ވަރަށް ތަފާތު އިހްސާސްތަކެއް ހިތުގައި އުފެދެ އެވެ.ދެ މީހުންގެ ގުޅުން ކެނޑުނުތާ އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް ކުރީގެ ހަނދާންތައް އާވެ ބައެއް މީހުން ގަނޑުވެފައި ހަދާނެގޮތެއް ނޭނގިފައި ތިބެ އެވެ.

މިފަދަ ވަގުތުތަކުގައި ލަދުގަންނަ ނުވަތަ އެހެން މީހުންނަށް ވެސް ފާހަގަކުރެވޭ ކަހަލަ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުގެ ކުރިން އެފަދަ މީހުންނާ ކުރިމަތިލާން ޖެހުމުން ކުރެވިދާނެ ބައެއް ކަންތައްތައް ވިސްނާފައި ބެހެއްޓުން ރަނގަޅުވާނެ އެވެ.

ކުރިން ގުޅުމެއް ބާއްވާފައިވާ މީހަކާ ކުއްލިއަކަށް ބައްދަލުވެ ހަތަރުކަޅި ހަމަވުމަކީ ގިނަ މީހުންނަށް ވަރަށް ހިތްހަމަނުޖެހޭ ކަމަކަށްވެ އެވެ. ނަމަވެސް ހަނދާން ކުރަންވީ ކަމަކީ ދެ މީހުން ވަކިވީ ކިތަންމެ ވަރަކަށް ޒުވާބުކޮށްފައި ނަމަވެސް އަދި މިހާތަނަށް ވެސް ދެ މީހުންގެ މެދުގައި އޮތީ އެފަދަ ރުޅިވެރިކަމެއް ނަމަވެސް މީހުންގެ ތެރޭގައި ރުޅި ކޮންޓްރޯލް ކުރުމުގެ މުހިއްމު ކަމެވެ. މިކަމަށްޓަކައި ހެދިދާނެ އެންމެ މޮޅު ގޮތަކީ ހަތަރުކަޅި ބައްދަލުވިޔަސް ނުފެންނަ ކަމަށް ހެދުމެވެ.

ކުރީގެ ލޯބިވެރިޔާ އާ ވަކިވިޔަސް އޭނާއާ ވާހަކަ ދެއްކުން މުޅިން ހުއްޓާ ނުލާ މީހުން ވެސް އުޅެ އެވެ. މިފަދަ މީހުން ހަނދާން ކުރަން ޖެހޭނެ އެއް ކަމަކީ އެފަދަ މީހުން ހާލުއަހުވާލު އޮޅުންފިލުވިޔަސް މިހާރުގެ ދިރިއުޅުމުގެ އުފާވެރިކަން ހާމަ ނުކުރުމެވެ. އޭނާއާ ވަކިވުމަށްފަހު މިހާރު އުޅެނީ މާ އުފާވެރި ދިރިއުޅުމެއް ކަމަށް ދައްކަން މަސައްކަތްކުރުމުގެ ބަދަލުގައި ދިރިއުޅުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ނުދީފި ނަމަ ތިމާއަކީ މާ ހިތްތިރި ރަނގަޅު މީހެއްގެ ގޮތުގައި އެމީހާ ބަލައިގަންނާނެ އެވެ. އަދި މިފަދަ މީހުންނާ ދައްކާލާ ވާހަކަކޮޅަކީ ވީހާވެސް ކުރު އެހާމެ ޝަކުވާއެއް ނެތް އެއްޗަކަށް ހަދާށެވެ.

ކުރީގެ ލޯބިވެރިޔަކާ ކުއްލިއަކަށް ބަދަލުވާ ފަހަރު އެހެން މީހެއްގެ ފަހަތަށް ވަދެ ނުވަތަ ތަނަކަށް ވަދެ ފިލަން މަސައްކަތް ނުކުރާށެވެ. ފިލުމުގެ ބަދަލުގައި އޭނާއަށް ސަލާން ގޮވާލާށެވެ. ސަލާމް ބަލައިގަނެ އޭނާ ހުރީ ވާހަކަ ދައްކާހިތުން ނަމަވެސް މާގިނަ ވާހަކަތައް ނުދައްކާ ހާލު އަހާލުމަށްފަހު އަވަހަށް އެތަނަކުން ދިއުން ރަނގަޅެވެ. ޚާއްސަކޮށް އޭނާއާ ރުޅިވުމަށްފަހު ދިރިއުޅުމުގައި ކުރިމަތިވި ދެރަ ގޮތްތަކުގެ ވާހަކަ ކިޔައިދިނުން ރަނގަޅެއް ނޫނެވެ.

ކުރީގެ ލޯބިވެރިޔާއާ ބައްދަލުވުމުން މިހާރުގެ ދިރިއުޅުމުގެ އުފާވެރިކަމާއި މިހާރު ރައްޓެހިވެގެން އުޅޭ މީހާގެ ރަނގަޅުކަމުގެ ވާހަކަތައް ދައްކާލާ ހިތް ވެދާނެ އެވެ. ނަމަވެސް އެގޮތަށް ކަންތައް ނުކުރާށެވެ. ދޮގު ހަދަނީހެން އޭނާއަށް ހީވުމުގެ ފުރުސަތު ބޮޑުވީމަ އެވެ. އަދި ހަގީގަތުގައި ވެސް ތިމާ ވާހަކަ ދައްކަނީ ހަދަހަދައިގެން ނަމަ އެފަދަ ކަންތައްތައް ފަޅާ އަރައި ލަދެއްގައި ބެނދެން ޖެހިދާނެތީ އެވެ.

އެކަނި ތަނެއްގައި ހުއްޓާ ކުއްލިއަކަށް ކުރީގެ ލޯބިވެރިއަކާ ބައްދަލުވެދާނެ އެވެ. މިފަދަ ވަގުތެއްގައި އެވަގުތު އެތަނަށް އާދެވެގެން އޮތް އެހެން ރައްޓެއްސަކަށް ގުޅައިގެން ގެންނާށެވެ. ރެސްޓޯރެންޓެއް ފަދަ ތަނަކަށް އެކަނި ގޮސް ހުއްޓާ ބައްދަލުވެއްޖެނަމަ މާ އަވަހަކަށް އެތަނުން ދެވޭނެ ގޮތެއް ނޯންނާނެ ތާއެވެ. މިފަދަ ވަގުތެއްގައި އިތުރު މީހެއްގެ އެހީ އަވަހަށް ހޯދުން ބުއްދިވެރި އެވެ.

ކުއްލިއަކަށް ކުރިން ރައްޓެހިވެގެން އުޅުނު މީހަކާ ބައްދަލުވުމުން ހިތުގައި ތަފާތު ޖަޒުބާތުތައް އުފެދޭނެ އެވެ. އެފަދަ ޖަޒުބާތުތަކުގައި ނުޖެހޭށެވެ. އޭނާގެ ފޯނު ނަންބަރު ތިމާގެ ފޯނުގައި އިނަސް އަވަހަށް ނަންބަރު ފޮހެލާށެވެ. އިތުރު ބައްދަލުވުމަކަށް ނުވަތަ ފޯނު ކޯލަކަށް ފުރުސަތު ނުބާއްވާށެވެ.