05 ޑިސެމްބަރ 2018 - 07:33

ޒުވާން އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕްގެ އަލަތު ފީޗާ ޑައިރެކްޝަންގެ ބަތަލާއަކަށް މަދޫރީ ޑިކްސިޓް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަދި ވަކި ނަމެއް ދީފައި ނުވާ ފިލްމުގެ ލީޑް ބަތަލާގެ ރޯލަށް މަދޫރީ ސޮއިކޮށްފައިވާ އިރު، އޭނާ ފިލްމުގައި ކުޅޭނީ މަންމައެއްގެ ރޯލެވެ. އަދި ދަރިފުޅުގެ ރޯލް ކުޅޭނެ ބަތަލާއަކު ވަރަށް އަވަހަަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ތާހިރާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި އަތުލް ކަސްބޭކަރުގެ އެލިޕްސިސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ. ތާހިރާ ލިޔެ، ޑައިރެކްޓް ކުރާ ފިލްމު އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އޭރު އޭނާ ބުނެފައި ވަނީ ފިލްމުގެ ނަމާއި ކާސްޓުންނަކީ ކޮބައިކަން ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް ފިލްމެއް ޑައިރެކްޓް ކުރާކަން ތާހިރާ އިއުލާން ކުރިތާ ދުވަސްކޮޅެއް ފަހުން އޭނާ އަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގިގެން މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ.
މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" އާއި "އަންދާދުން"ގެ ބަތަލު
އަޔޫޝްމަން އާއި ތާހިރާގެ ކައިވެންޏަށް މިހާރު ހަތް އަހަރުވެފައި އިރު، ދެ ކުދިން އެބަ ތިއްބެވެ.
ތާހިރާގެ އަލަތު ފިލްމަށް ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ މަދޫރީ ސޮއިކޮށްފައިވާ ކަމަށް ބުނާ އިރު، އޭނާ މިހާރު އަންނަނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް"ގެ މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ ފިލްމެކެވެ.
އެކަމަކު އޭގެ ކުރިން މަދޫރީ އާއި އަނިލް ކަޕޫރު އަދި ޖޭ ދޭވްގަން މުހިއްމު ރޯލްތައް ކުޅެފައިވާ އިންދަރު ކުމާރުގެ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ފެބްރުއަރީ މަހުގެ 22 ގައި ސިނަމާތަކަށް އަންނާނެ އެވެ.
މަދޫރީ، 51، ގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި މަރާޓީ ފިލްމު "ބަކެޓްލިސްޓް" އެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2014 ގައި ރިލީޒް ކުރި "ގުލާބް ގޭންގް" އެވެ.