03 ޑިސެމްބަރ 2018 - 19:37

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދެ މެމްބަރުން ކަމަށާއި އެ ޕާޓީއަށް ރައްޔިތުންގެ މަޖިލިހުގެ 22 މެމްބަރުން ހަމަވަނީ އެ ދެ ބޭފުޅުން ހިމަނައިގެން ކަމަށް ޖޭޕީން މިރޭ ބުނެފި އެވެ.
ލަތީފާއި ސައުދަކީ ޖޭޕީގެ ދެ މެމްބަރުންކަން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒާ ހަވާލާދީ، ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް "މިހާރު" އަށް ވިދާޅުވިއިރު، އެކަން މިހާތަނަށް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
ޖޭޕީއަށް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ސޮއިކުރެއްވުމަށް މިދިޔަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ހަފުލާތަކެއް ބާއްވާފައިވާއިރު ލަތީފާއި ސައުދު އެ ޕާޓީއަށް ސޮއިކުރެއްވުމަށް މީޑިއާ ކުރިމަތީގައި އެއްވެސް ކަމެއް ނުބާއްވަ އެވެ. އެކަމަކު އަލީ ސޯލިހް ވިދާޅުވީ، ޖޭޕީއަށް "މަޖިލިހުގެ 22 މެމްބަރުން ހަމަވަނީ ލަތީފާއި ސައުދު ހިމަނައިގެން" ކަމަށެވެ.
"އެއީ މިހާރު މި ޕާޓީގެ ދެ މެމްބަރުން،" ލަތީފާއި ސައުދު ޖޭޕީއަށް ސޮއިކުރެއްވި ދުވަހެއް ހާމަނުކުރައްވައި އަލީ ސޯލިހް ވިދާޅުވި އެވެ.
ލަތީފާއި ސައުދު ވަނީ ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ކުރިން ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވިޔަސް އެ ޝަރަފު މިހާރު ދަމަހައްޓަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އެވެ. އެހެންވެ މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަކަށް ޖޭޕީ ވެ، އަދި މައިނޯރިޓީ ލީޑަރަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒެވެ.
އަދި މަޖިލިހުގައި ގުޅިގެން މަސައްކަތް ކުރާ އެމްޑީޕީ/ޖޭޕީ/އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ މެމްބަރުން ހިމެނިވަޑަައިގަންނަވާ ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ ވެސް ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒެވެ.
ލަތީފާއި ސައުދަކީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ދެ ބޭފުޅުންނެވެ.