03 ޑިސެމްބަރ 2018 - 19:26

އައްޑޫ މަގުތަކުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި މިނިސްޓަރު އާއިޝާ ވިދާޅުވީ މަގުތަކުގެ ސަލާމަތީ ކަންތައްތައް ރަނގަޅުކުރަން ބޭނުންވާ ތަކެތި މިހާރު ވެސް ގެނެސްފައިވާ ކަމަށެވެ.
މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ވަނީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގާއި ސިޓީ ކައުންސިލްގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. އައްޑޫގައި ދަތުރުފަތުރަށް ކުތިމަތިވެފައިވާ ދަތިތައް ކައުންސިލުން މިނިސްޓަރާ ހިއްސާކުރިއެވެ. އޭގެ އިތުރުން އައްޑޫގައި ތިބޭ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާއި ފުލުހުންނާ ވެސް ބައްދަލުކުރެއްވި އެވެ.
މިނިސްޓަރު އައިޝާގެ ދަތުރުފުޅުގައި އައްޑޫގެ މަގުތަކަށް ވަޑައިގެން ހާލަތު ބައްލަވައިލެއްވި އެވެ. އޭނާ ވަނީ މީގެ ކުރިން މާލޭގެ މަގުތަކުގެ ހާލަތުވެސް ބައްލަވައިލައްވާފަ އެވެ.