03 ޑިސެމްބަރ 2018 - 18:23

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިން މޯލްޑިވްސް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) އިން މިއަދު ފަށައިފި އެވެ.

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، "ރެޑިއުސް ޕްލާސްޓިކް" ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިން ފައްޓަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ ވަނީ އެމްއޭސީއެލުން ދެން ބޭނުންކުރާނެ ބިއްލޫރި ފުޅި އާއި ފޮތި ކޮތަޅު ވެސް ދައްކާލައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިންގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އޭޝިޔާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ގޮތެއްގައި ތިމާވެއްޓާ ގުޅުންހުރި މަސައްކަތް ކުރަމުން އަންނަ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، ރެޑިއުސް ޕްލާސްޓިކް ކެމްޕެއިންގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެ ކުންފުނީގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުުރަން ކަމަށެވެ. އަދި އެއީ އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރަމުން އަންނަ ތަނަކަށް ވާއިރު، މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މަދުކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ޓާގެޓަކީ މިއަހަރުގެ ތެރޭގައި، ޕްލާސްޓިކް ބޭނުންކުރާ އަދަދު ވަރަށް ބޮޑު މަދުކުރުން. އެ މަސައްކަތް ކުރާނަން،" ހަސަން ވިދާޅުވި އެވެ.
އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހުން ވެސް އިއްޔެ ވަނީ ހުއްޓާލައިފަ އެވެ. ބައެއް އެހެން އޮފީސްތަކުން ވެސް ވަނީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ހިމެނެ އެވެ.