03 ޑިސެމްބަރ 2018 - 17:01

ގާޒާ (ޑިސެމްބަރު 3) - އިޒްރޭލަށް އެއްބާރުލުން ދިން ހަ މީހަކު މަރަން ހަމާސް އިން ހިންގާ ގާޒާ ސްޓްރިޕްގެ އަސްކަރީ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ގާޒާގެ ދާޚިލީ ވުޒާރާ އިން ބުނީ އިޒްރޭލަށް އެއްބާރުލުން ދީގެން 14 މީހެއްގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭން ހަ މީހެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދަންޖައްސައި މަރަން ކަމަށް ވެސް ބުނެފައިވެ އެވެ. މަރަން ހުކުމް ކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.
ގާޒާގެ ކޯޓަކުން ހުކުމްކޮށްފައި ވަނީ އިޒްރޭލް ސިފައިންގެ ބަޔަކު ގާޒާގައި ސިއްރު ހަމަލާތަކެއް ދީ، އަށް މީހުން މަރާލިތާ ތިން ހަފުތާ ފަހުންނެވެ. އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސް އިން ވަނީ ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. އަދި އިޒްރޭލުން ވަނީ ގާޒާގައިވާ ހަމާސްގެ އަމާޒުތަކަށް ބޮން އަޅައިފަ އެވެ.
"އިޒްރޭލަށް އެއްބާރުލުން ދޭ މީހުންނަށް އެނގެން ޖެހޭނެ އިޒްރޭލުގެ އުދުވާނުން އެ މީހުންނަށް ހިމާޔަތެއް ނެތްކަން،" ގާޒާގެ ދާޚިލީ ވުޒާރާގެ ތަރުޖަމާން އިޔާދު އަލް ބަޒޫމް ވިދާޅުވި އެވެ.