ރާޖަޕަކްސާގެ ބާރުތައް ކޯޓުން ސަސްޕެންޑްކޮށްފި
ރާޖަޕަކްސާގެ ބާރުތައް ކޯޓުން ސަސްޕެންޑްކޮށްފި

ކޮލަމްބޯ (ޑިސެމްބަރު 3) - ބޮޑު ވަޒީރެއްގެ ގޮތުގައި މަހިންދާ ރާޖަޕަކްސާ އަށް ލިބިވަޑައިގަންނަވާ ބާރުތައް ސްރީ ލަންކާގެ ކޯޓަކުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ލަންކާގެ އިސްތިއުނާފި ކޯޓުން ބުނެފައި ވަނީ ރާޖަޕަކްސާގެ ކެބިނެޓުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ކެބިނެޓުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި ރާޖަޕަކްސާ ހުންނަވައިފި ނަމަ ގައުމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޔާސީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓުނީ އޮކްޓޯބަރު 26 ވަނަ ދުވަހު ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް ރާޖަޕަކްސާ ރައީސް މައިތުރިޕާލާ ސިރިސޭނާ ހަމަޖެއްސުމާ ގުޅިގެންނެވެ. ބޮޑުވަޒީރުގެ ގެއިން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވާ ރަނިލް ވިދާޅުވަމުން ގެންދަވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ. ޕާލަމެންޓުން ދެ ފަހަރެއްގެ މަތިން ވަނީ ރާޖަޕަކްސާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ.

އިސްތިއުނާފީ ކޯޓުން މި ގޮތަށް ނިންމީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް މިދިޔަ ހަފުތާގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ރާޖަޕަކްސާ އާއި ކެބިނެޓުގެ މެންބަރުންނަށް ޚަރަދު ކުރުން ހުއްޓާލަން ލަންކާ ޕާލަމެންޓުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.