03 ޑިސެމްބަރ 2018 - 14:09

މައްސަރު ކަންތައް ދިމާވުމުން އަންހެނުން ބޭނުންކުރާ ޕެޑް ފަދަ ތަކެތިން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލް ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ކުރިން އޮންނަ ގޮތުން ޖީއެސްޓީ ނުނެގޭ މުދަލުގެ ތެރޭގައި ޕެޑް ފަދަ ތަކެތި ނުހިމެނެ އެވެ. އެހެންވެ، އާންމު އުސޫލުން ނަގާ ހަ ޕަސެންޓްގެ ޖީއެސްޓީ އެފަދަ ތަކެއްޗަށް ވެސް ނަގަ އެވެ.
ސެނިޓަރީ ނެޕްކިން އާއި ޓެމްޕޮން އާއި މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެތިން ޓެކްސް ނެގުން ހުއްޓާލުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ސަރުކާރުން ހުށަހެޅި ހުށަހެޅުމަށެވެ.
އެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު، އެފަދަ ތަކެތިން ޖީއެސްޓީ ނެގުން ނިމުމަކަށް އައީ އެވެ.
ޕެޑް ފަދަ ތަކެތިން ޓެކްސް ނެގުން ހުއްޓާލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އޭގެކުރިން، އެ ތަކެތިން ޓެކްސް ނެގުން ހުއްޓުވަން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ވެސް ބަޔަކު ކުރި އެވެ.