އީރާނުން މިސައިލް އުފައްދަމުން ގެންދާނެ ކަމަށް ބުނެފި
އީރާނުން މިސައިލް އުފައްދަމުން ގެންދާނެ ކަމަށް ބުނެފި

ތެހެރާން (ޑިސެމްބަރު 3) - ދިފާއީ ބޭނުންތަކަށް މިސައިލް އުފައްދާ ޓެސްޓް ކުރަމުންދާނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން ދާދި ފަހުން ޓެސްޓްކުރި މިސައިލްއާ ހަވާލާދީ ސިފައިންގެ ތަރުޖަމާން ޖެނެރަލް އަބްލްފަޒްލް ޝަކާޗީ ވިދާޅުވީ އެއީ އދ.ގެ ގަރާރުތަކާ ޚިލާފަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އީރާނުން މެދުރާސްތާ މިސައިލެއް ޓެސްޓްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްބުމާ ޚިލާފަށް ކަމަށެވެ. އެމެރިކާ އިން މިދިޔަ މެއި މަހު ވަނީ އެ އެއްބަސްވުމުން ވަކިވެފަ އެވެ.

"މިސައިލް ޓެސްޓްތައް ކުރަނީ އީރާނުގެ ދިފާއީ ކަމެއްގެ ގޮތުގައި. ކުރިއަށް އޮތް ތަނުގައި ވެސް ޓެސްޓްތައް ކުރަމުން ގެންދާނެ،" ޝަކާޗީ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުން މެދު ރާސްތާ މިސައިލެއް ޓެސްޓް ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

އަނެއްކޮޅުން އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވަނީ އީރާނާ އިދިކޮޅު ފަރާތްތަކަށް އެމެރިކާ އިން ހަތިޔާރުގެ ގޮތުން އެހީވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.