03 ޑިސެމްބަރ 2018 - 13:37

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގެންނެވި ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ޖޭޕީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.
ޖޭޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި މީޑިއާގެ ކުރިމަތީގައި އެ ޕާޓީއަށް އެންމެ ފަހުން ސޮއިކުރެއްވީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އޭރު މަޖިލިހުގައި ތިއްބަވާ ޖޭޕީގެ މެމްބަރުންގެ އަދަދަކީ 20 އެވެ.
އެހެންވެ، ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 22 އަށް އަށް އިތުރުވުމުން އަދި ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގެންފައިވާތީ އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއިކުރައްވާފައިވާ ކަމަށް ބެލެވެ އެވެ.