އެމެރިކާގެ ވައިގެ ހަމަލާތަކުގައި ތާލިބާންގެ ކޮމާންޑަރަކު މަރާލައިފި
އެމެރިކާގެ ވައިގެ ހަމަލާތަކުގައި ތާލިބާންގެ ކޮމާންޑަރަކު މަރާލައިފި

ކާބުލް (ޑިސެމްބަރު 3) - އަފްޣާނިސްތާނަށް އެމެރިކާ އިން ދިން ވައިގެ ހަމަލާތަކުގައި ތާލިބާން ޖަމާއަތުގެ ވަރަށް ސީނިއާ ކޮމާންޑަރަކު މަރާލައިފި އެވެ.

މުއްލާ އަބްދުލް މަނާން އަކުންދު އަކީ ދެކުނުގެ ހެލްމާންޑް ޕްރޮވިންސްގެ ގަވަރުނަރު އަދި އަސްކަރީ ވެރިޔާ އެވެ. ތާލިބާނުން ބުނީ މަނާންގެ މަރަކީ އެ ޖަމާއަތަށް ލިބުނު ބޮޑު ދެރައެއް ކަމަށާއި ނަމަވެސް އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދަން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އަފްޣާނިސްތާންގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ މަނާންގެ މަރުގެ ސަބަބުން ތާލިބާން ހަނގުރާމަވެރިންގެ ހިތްވަރު ބަލިކަށިވާނެ ކަމަށެވެ.

ގުޅިފައިވާ ލަޝްކަރުގެ ސިފައިން 2014 ވަނަ އަހަރު އަފްޣާނިސްތާނުން ފޭބުމާ ހަމައަށް ހެލްމާންޑްގައި، އަށް އަހަރު ދުވަސްވަންދެން ތިބީ އިނގިރޭސި ސިފައިންނެވެ. އެ ޕްރޮވިންސްގެ ބޮޑު ބައެއް މިހާރު ވަނީ ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. ލަފާކުރެވޭ ގޮތުގައި ތާލިބާނުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި 15 މިލިއަން މީހުން ދިރިއުޅެ އެވެ.