ޒުވާނުންގެ ކުރިމަގަށް ސައިރެކްސް ކޮލެޖުގެ ހިއްސާ
ޒުވާނުންގެ ކުރިމަގަށް ސައިރެކްސް ކޮލެޖުގެ ހިއްސާ

މަތީ ތައުލީމަކީ ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް މިއަދު އެންމެ ބޭނުންވެފައިވާ އެއް ކަންތަކެވެ. މި ހިދުމަތް ދިނުމުގައި ސައިރިކްސް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ހަރުފަތުގައި ފާހަގަކޮށްލެވޭ އެއް މުއައްސަސާ އެވެ. މިގޮތުން މިދިޔަ 25 އަހަރު ސައިރިކްސް ކޮލެޖް ވޭތުކުރި މާޒީގައި 23،000 އަށްވުރެ ގިނަ ކުދިން ވަނީ ތަފާތު އެކި ދާއިރާތަކުން ތައުލީމް ހާސިލްކޮށްފަ އެވެ. މި ގޮތުން ދިވެހިރާއްޖޭގެ އެކި ސިނާއަތްތަކުގެ އެކި ގިންތިތަކުގައި އެ ޒުވާނުން ދަނީ ކާމިޔާބު ކަމާ އެކު ހަރަކާތްތެރި ވަމުންނެވެ. އަދި ބައެއް ދަސްވެނިން ދަނީ ރާއްޖޭން ބޭރުގެ ތަފާތު އެކި ޔުނިވާސިޓީތަކުގައި އިތުރަށް ކިޔަވަމުންނެވެ.

ރާއްޖޭގައި މަތީ ތައުލީމް އުނގެނެން ބޭނުންވާ ފަރާތްތަކަށް ސައިރިކްސް ކޮލެޖްއިން ދޭ ފުރުސަތުތަކުގެ ތެރެއިން އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ހިއުމޭނިޓީސް އަދި މަލްޓިމީޑިއާ އެންޑް އާޓްސް ވެސް ހިމެނެ އެވެ. ސައިރިކްސް ކޮލެޖުން ހިދުމަތް ދިނުމުގައި އެންމެ މުހިއްމު ކަމެއްދެނީ ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށެވެ. މި ހިދުމަތް ދިނުން ފާހަގަ ކުރުމުގެ ގޮތުން ތަފާތު އެކި އެވޯޑް ތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ވަނީ ސައިރިކް ކޮލެޖަށް ލިބިފަ އެވެ.

ސައިރެކްސް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުގެ ކޯސްތައް ޑިޒައިން ކުރަނީ ކޮންމެ ދާއިރާއަކުން ވެސް މުޅި ދުނިޔޭގައި ކިޔަވަދޭ ކޯސްތަކަށް ބަލާ، ދިރާސާ ކުރުމަށް ފަހު ކަމަށެވެ. ކޮންމެ ދާއިރާއަކުން ވެސް އަލަށް ކުރިއަރަމުން އަންނަ ކޯސްތައް ފަރުމާކުރެވި ކާމިޔާބު ކަމާ އެކު އެ ކޯސްތައް ހިންގުމަކީ ސައިރިކްސް އިން އިސްކަންދޭ އެންމެ މުހިއްމު އެއް ކަމެވެ. ހަމައެހެންމެ، އެ ކޮލެޖުގެ ހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލެފިކޭޝަންސް އޮތޯރިޓީއިން ފުރިހަމައަށް އެޕްރޫވްކުރާ ކޯސްތަކެކެވެ. އަދި ކޮލެޖްގެ ޑިޕްލޮމާ، ޑިގްރީގެ އަދި މާސްޓާސް ކޯސްތަކަކީ ދުނިޔޭގެ ތަފާތު އެކި ޔުނިވާސިޓީތަކާ އެކު އެއްބަސްވުންތައް ގާއިމް ކުރެވި ސައިރިކްސް ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް ރާއްޖޭން ބޭރުގެ އެ ޔުނިވާސިޓީތަކުގައި ވެސް ކިޔެވުން ކުރިޔަށް ގެންދިޔުމަށް މަގުފަހި ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.

ދަރިވަރުންނަށް ރަނގަޅު ފެންވަރެއްގެ ތައުލީމެއް ދިނުމުގެ ގޮތުން ތަފާތު ސިނާއަތްތަކާއި ސައިރިކްސް ކޮލެޖް ގުޅުންތައް ގާއިމްކުރުމުގެ އިތުރުން ތަފާތު އެކި ފަންނުވެރީން މެދުވެރިކޮށް ގެސްޓް ލެކްޗާ ދިނުމާއި އެކްސްޕޯޝާ ޓްރިޕްތައް ފޯރުކޮށްދިނުން ފަދަ ތަފާތު އެކި ކަންތައްތައް ދަރިވަރުންނަށް ސައިރިކްސް ކޮލެޖުން ފޯރުކޮށްދެއެވެ.

އެ ކޮލެޖުން ބުނީ އަލަށް ގްރެޖުއޭޓްވެ މަތީ ތައުލީމް ފަށައިގަންނަން މަސައްކަތް ކުރާއިރު، ބަލާންވާނީ ފަސޭހަ ކޯސްތަކަށް ނޫން ކަމަށެވެ. ސަބަބަކީ އެންމެ ފަސޭހަ ކޯސްތައް ހަދާ ނިމި، ސެޓްފިކެޓް ލިބުނު ކަމުގައި ވިޔަސް ވަޒީފާއެއް ހޯދުމުގެ ދަތިކަން ކުރިމަތިވުން ކަމަށް ސައިރެކްސް އިން ފާހަގަ ކުރިއެވެ. އެހެންކަމުން ސައިރެކްސް ކޮލެޖުން ކިޔަވާ ކުދިން ގްރެޖުއޭޓް ވުމުން ވެސް، އެ ކުދިންގެ އަތުގައި ހިފައި ކުރިޔަށް ގެންގޮސްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށް އެކޮލެޖުން ބުންޏެވެ.