03 ޑިސެމްބަރ 2018 - 12:45

ދޯހާ (ޑިސެމްބަރު 3) - ގޭސް އުފެއްދުމަށް ސަމާލުކަން ދޭން ކަމަށް ބުނެ އޯޕެކުން އަންނަ މަހު ގަތަރު ވަކިވާން ނިންމާފައިވާ ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓަރު ސާދު އަލް ކާބީ ވިދާޅުވެއްޖެ އެވެ.
"އަންނަ ޖެނުއަރީ މަހުން ފެށިގެން އޯޕެކުން ގަތަރު ވަކިވާން ވަނީ ނިންމާފައި،" ދޯހާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކާބީ ވިދާޅުވި އެވެ.
ފަނަރަ ގައުމު ހިމެނޭ އޯޕެކުން ވަކިވި ނަމަވެސް ގަތަރުން ތެޔޮ އުފައްދަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގަތަރުން ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ގޭސް އުފައްދަން ކަމަށް ކާބީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގުދުރަތީ ގޭސް އަހަރަކު މިހާރު އުފައްދާ 77 މިލިއަން ޓަނުން 110 މިލިއަން ޓަނަށް އިތުރު ކުރަން ބޭނުންވާ ކަމަށެވެ.
ގަތަރަކީ ލިކުއިފައިޑް ނެޗަރަލް ގޭސް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމެވެ. ދުނިޔޭގެ ނެޗަރަލް ގޭހުގެ 30 ޕަސެންޓް އުފައްދަނީ ގަތަރުންނެވެ.
ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާގައި ގަތަރު ބައިވެރިވެފައި ވަނީ 1961 ވަނަ އަހަރު އެވެ. ގަތަރަކީ އެ ޖަމާއަތުން ވަކިވާ ފުރަތަމަ ގައުމެވެ. ކާބީ ވިދާޅުވީ އޯޕެކުން ވަކިވާކަން ކުރިން އެ ޖަމާއަތަށް އަންގާފައިވާ ކަމަށެވެ.
އޯޕެކުގައި އެންމެ ނަގާކިޔާ ގައުމަކީ ސައުދީ އަރަބިއާ އެވެ. ސައުދީން އިސްވެ ގަތަރާ ދެކޮޅަށް ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.